-01-40bb8a38.jpg)
-f1590ac2.jpg)
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން ލޭ ހަދިޔާކުރުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ދަނީ މިމަހުގެ 31 އަދި ފެބްރުއަރީ 1 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ) ގައެވެ.
މިއީ ކޮންމެ އަހަރަކުވެސް އެމްއޭސީއެލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ. ނަމަވެސް، އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮގްރާމް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
އެގޮތުން، އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން އެއާޕޯޓުގައި މަސައްކަތްކުރާ ދައުލަތުގެ އެކި އިދާރާތަކާއި، މުއައްސަސާތަކާއި، އެއާޕޯޓުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނަށް ވެސް މިހާރު ވަނީ ލޭ ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ޕްރޮގްރާމް މިގޮތަށް ބަދަލުކޮށް ފުޅާކުރުމުގެ އެންމެ ބޮޑު މަގަސަދަކީ، މި ދުވަސްވަރު ލޭ ލިބުން ދަތިވެފައިވާތީ އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވުމެވެ. އަދި ކުރިއަށް އޮތް ރޯދަމަހަކީ ކޮންމެ އަހަރަކުވެސް ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ދުވަސްވަރަކަށް ވާތީ، އެކަމަށް ސަމާލުވެ، ލޭގެ ސްޓޮކް އިތުރުކުރުމަށް އެހީތެރިވުމެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން https://tinyurl.com/46y3p7m7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
މިއީ އިޖުތިމާޢީ ޒިންމާގެ ދަށުން، ލޭ ބޭނުންވާ ފަރާތްތަކަށް، ހާއްސަކޮށް ތެލެސީމިއާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އެމްއޭސީއެލް އިން ކުރިއަށް ގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ.



