-01-40bb8a38.jpg)
-a71743e1.jpg)
ރާއްޖޭގައި އަލަށް އުފައްދާ ޑެވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ސީއީއޯ އަދި ޗެއާޕާސަންގެ މަގާމަށް ބޭރުގެ ތަޖުރިބާކާރު ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެގޮތުން ޑީބީއެމްގެ ސީއީއޯ އަދި ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރެވުނު ދެ ބޭފުޅުންނަކީ:
އެ ދެ ބޭފުޅުން ވެސް މިއަދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވާފައެވެ.
އެ ދެ ބޭފުޅުންނަކީ ވެސް ބޭރުގެ މާލީ އެކި އިދާރާތަކުގައި ގިނަ ދުވަހު މަސައްކަތްކުރައްވައިފައިވާ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ. އެގޮތުން ޗެއާމަންއަކަށް ހަމަޖެއްސެވި އަރުނީ ގުނެތިލަކަ އަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި، މާލީ ސާވިސް އެކްސްޕާޓެކެވެ. އެގޮތުން ހާވާޑް ޔުނިވާސިޓީން ގާނޫނީ ދާއިރާގެ މާސްޓާސް އަރުނީ ވަނީ ހައްދަވާފައެވެ. އޭނާ އެންމެ ހުންނެވީ ލަންކާގެ ހެޓަން ނެޝަނަލް ބޭންކްގެ ޗެއާޕާސަންގެ މަގާމުގަ އެވެ.
މީގެ އިތުރުން، ސީއީއޯގެ މަގާމަށް ހަމަޖެއްސެވި ނޮއެލް އަކީ ސައުދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓްމެންޓް އޮފިސަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، 2013 ވަނަ އަހަރުން ފެށިގެން 2016 އަށް، އިނގިރޭސިވިލާތުގެ ޔޫކޭ ގްރީން އިންވެސްޓްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރުކަން އޭނާ އަދާކުރައްވާފައިވެއެވެ.
ރާއްޖޭގެ ޑެވެލޮޕްމެންޓް ބޭންކުގެ އެންމެ މުހިންމު ދެ މަގާމަކަށް ތަޖުރިބާކާރު ދެ ބޭފުޅުން އައްޔަނުކުރައްވާފައިވާއިރު، އެ ބޭންކުގެ އެ މާގަމަށް ހަމަޖައްސަވާނީ ދުނިޔޭގެ އެކި ތަންތަނުގައި މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ އަދި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ބޭފުޅެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ވަޑައިގެންނެވުމުގެ ކުރިން ރައީސް ވިދާޅުވީ، ޑީބީއެމް އަކީ ވަރަށް ތާރީޚީ ކަމެއްގެ ފެށުން ކަމަށާއި، އެ ބޭންކް ގާއިމްކުރުމަކީ ރާއްޖޭގެ އިގްތިސާދު ސިންދިފަތާުކޮށް ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއްކަން ކަމަށެވެ.
އަދި އެ ބޭންކު ވާނީ ރާއްޖެއަށް އެކި ދާއިރާތަކުން އިންވެސްޓްކުރާ އިންވެސްޓަރުންނަށް، ހަބެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ރާއްޖޭގައި ޑެވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން އެ މަސައްކަތްކޮށް، އެ ބޭންކުގެ ގަވާއިދުތައް އެކުލަވާލުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ (މިފްޒާ)ގެ ނަމުގައި އިދާރާއެއް މިދިޔަ ޖެނުއަރީ މަހު ސަރުކާރުން ވަނީ އުފައްދާފައެވެ.
އެގޮތުން ޑީބީއެމް އުފެދުނީ މިދިޔަ މޭއި މަހުގެ ތެރޭގައި ރައީސް މުޢިއްޒުގެ ގަރާރަކުންނެވެ. އެ ބޭންކު އުފެއްދުމުގެ އެއް މަގްސަދުގެ ތެރޭގައި އިގުތިސާދީ އަދި ތަރައްގީގެ މަޝްރޫއުތަކަށް ދިގު މުއްދަތުން އަނބުރާ ދަައްކާ ގޮތަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.






