-01-40bb8a38.jpg)
-c1814ec6.jpg)
މީގެ ދުވަސްކޮޅެއް ފީފާގެ ނިވަލުގައި ފީފާއިން ދޭ ސުލްޙައިގެ އިނާމް ހާސިލް ކުރުމަށްފަހު ދެމަސް ތެރޭގައި ތިން ޤައުމަކަށް ޓެރަރިސްޓް ހަމަލާތަކެއް ދިން ޑޮނާލްޑް ޓްރަމްމް ފުޓްބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީއާއި ވައިޓްހައުސްގައި ބައްދަލުކޮށްފިއެވެ.
މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ކަޕް މިދިޔަ އަހަރު ކާމިޔާބުކުރުމާ ގުޅިގެން، އެ ކާމިޔާބީ ފާހަގަކުރުމަށް ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އާއި އިންޓަރ މިއާމީގެ ޓީމު ރައީސް ޑޮނަލްޑް ޓްރަމްޕާ ވަނީ ބައްދަލުކޮށްފައެވެ. މި ރަސްމިއްޔާތުގައި މެސީ ވަނީ އިންޓަރ މިއާމީގެ ކުލަ ކަމަށްވާ ފިޔާތޮށި ކުލައިގެ ޖަވާހިރު ޖެހި ފުޓްބޯޅައެއް ރައީސް ޓްރަމްޕަށް ހަދިޔާކޮށްފައެވެ.
މިދިޔަ ޑިސެމްބަރު މަހު ވެންކޫވަރ ވައިޓްކެޕްސް ބަލިކޮށް އިންޓަރ މިއާމީން ލީގު ތަށި އުފުލާލިއިރު، މެސީ ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، "ލިއޯ، ކަލޭ އައިސް ތިޔަ ހޯދި ކާމިޔާބީއަކީ ވަރަށް އުނދަގޫ، އަދި ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ކާމިޔާބީއެއް" ކަމަށެވެ. އަދި މެސީއަށް އޮތް ޕްރެޝަރު ބޮޑުކަން ފާހަގަކުރައްވައި، އޭނާގެ ކުޅުމަށް ޓްރަމްޕް ތައުރީފު ކުރެއްވިއެވެ.
މި ހަފްލާގެ ތެރެއިން ސިޔާސީ ބައެއް ވާހަކަތައް ވެސް ރައީސް ޓްރަމްޕް ވަނީ ދައްކަވާފައެވެ. އެގޮތުން އިރާނާއެކު އޮތް ހަނގުރާމައިގެ ހާލަތާއި، ވެނެޒުއޭލާގެ މައްސަލައާއި، ކިއުބާއާ ގުޅޭގޮތުން ކުރިއަށް އޮތް ނިންމުންތަކުގެ އިތުރުން ޓެރިފްތަކާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ. ނަމަވެސް، ސިޔާސީ ކަންކަމުގައި ބަސްބުނުމުން ދުރުހެލިވާ މެސީއާ މުޚާތަބު ކުރައްވައި ޓްރަމްޕް ވާހަކަދެއްކީ މުޅިންވެސް ކުޅިވަރާ ގުޅޭގޮތުންނެވެ.
މި ރަސްމިއްޔާތުގައި އިންޓަރ މިއާމީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ލުއިސް ސުއަރޭޒް، ތަޑިއޯ އެލެންޑޭ އަދި ރޮޑްރިގޯ ޑި ޕޯލް ބައިވެރިވިއެވެ. މީގެ އިތުރުން އެމްއެލްއެސް ކޮމިޝަނަރު ޑޮން ގާބާ އާއި ކުރީގެ ބޭސްބޯލް ތަރި އެލެކްސް ރޮޑްރިގޭޒް އަދި ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ޓްރަމްޕްގެ ވެރިކަމުގެ ދެ ދައުރުގެ ތެރޭގައި އެމްއެލްއެސްގެ ޓީމަކަށް ވައިޓް ހައުސްއަށް ދައުވަތު އެރުވި ފުރަތަމަ ފަހަރެވެ.
އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އަދި 2022 ވަނަ އަހަރު އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެސީ، މިއަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މުބާރާތުގައި ވެސް ކުޅޭނެ ކަމަށް ބެލެވެއެވެ. އުމުރުން 38 އަހަރުގެ މެސީ އިންޓަރ މިއާމީއާ ގުޅުނީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ.



