-01-40bb8a38.jpg)

ސްޕެއިންގެ ލަ މުސާބަގާތުގައި އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް މާޓިންއަށް ރަތް ކާޑު ނުދެއްކުމަށް ނިންމި ނިންމުމަކީ ހެދުނު ގޯހެއް ކަމަށް ސްޕެއިންގެ ރެފްރީންގެ ޓެކްނިކަލް ކޮމިޓީ (ސީ.ޓީ.އޭ) އިން އެއްބަސްވެއްޖެއެވެ.
ބާސެލޯނާއިން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރި މި މެޗުގެ ދެވަނަ ހާފުގައި، ތިއާގޯ އަލްމާޑާގެ ފައިގެ ކޮޅަށް އެރި މައްސަލައިގައި ރެފްރީ ބުސްކެޓްސް ފެރޭ ފުރަތަމަ ނިންމީ މާޓިންއަށް ރަތް ކާޑު ދެއްކުމަށެވެ. ނަމަވެސް ވީ.އޭ.އާރް (VAR) ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް، އޭނާއަށް ރީނދޫ ކާޑެއް ދައްކާފައެވެ.
މި ހާދިސާއާ ގުޅިގެން ސީ.ޓީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެފްރީގެ އަސްލު ނިންމުން ކަމަށްވާ ރަތް ކާޑު ދެއްކުމުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. "މިއީ ނުރައްކާތެރި ފައުލްއެއްގެ މައްސަލައެއް. ބޯޅައިގައި ފުރަތަމަ ކޮން ކުޅުންތެރިއަކު ކީއްކުރި ކަމަކީ މި ހާލަތުގައި މުހިންމު ކަމެއް ނޫން. މިފަދަ ކަމަކަށް ދޭންޖެހޭނެ އެންމެ ރަނގަޅު އަދަބަކީ ރަތް ކާޑު،" ކޮމިޓީން ފާހަގަކުރިއެވެ.
މީގެ އިތުރުން އެ ކޮމިޓީން ވަނީ މި ހާދިސާގައި ވީ.އޭ.އާރް އިން މެދުވެރިވި ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސީ.ޓީ.އޭ އިން ދެކޭގޮތުގައި ދަނޑުމަތީގައި ރެފްރީ ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ވާއިރު، ވީ.އޭ.އާރް އިން އެކަމުގެ ތެރެއަށް ވަދެގެން ނުވާނެއެވެ.
ކޮމިޓީން އިތުރަށް ބުނެފައިވަނީ ވީ.އޭ.އާރް އިން މައްސަލަ އަލުން ބެލުމަށް ލަފާދިނުމުގެ ސަބަބުން، ވަގުތުން ވަގުތަށް ރަނގަޅަށް ނިންމާފައިވާ ނިންމުމެއް ނުބައިކޮށް ބަދަލުކުރަން މަޖުބޫރުވި ކަމަށެވެ. އަދި ރެފްރީ އޭނާގެ ފުރަތަމަ ނިންމުމުގައި ސާބިތުވެ ހުންނަންޖެހޭނެ ކަމަށްވެސް އެ ކޮމިޓީން ވަނީ ބުނެފައެވެ.






