-01-40bb8a38.jpg)

ޗައިނާގެ އުތުރުގެ ޝާންޒީ ޕްރޮވިންސްގައި ހުންނަ ތައިޔުއާން ސެޓެލައިޓް ލޯންޗް ސެންޓަރުން އާ ސެޓެލައިޓް ގްރޫޕެއް ފަޒާއަށް ފޮނުވާލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފިއެވެ.
ބެއިޖިންގްގައި ހުންނަ ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސެޓެލައިޓް ގްރޫޕް ފޮނުވާލާފައިވަނީ ހޮނިހިރު ދުވަހު މޮޑިފައިޑް Long March-6 ކެރިއާ ރޮކެޓެއްގައެވެ. އަދި މި ސެޓެލައިޓްތައް ކަނޑައެޅިފައިވާ އޯބިޓަށް ކާމިޔާބުކަމާއެކު ވަދެފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.
މި ފަހަރު ފޮނުވާލި ސެޓެލައިޓްތަކަކީ ޗައިނާގެ ވިޔަފާރި އުސޫލުން ހިންގާ ލޯ-އޯބިޓް ސެޓެލައިޓް ނެޓްވޯކެއް ކަމަށްވާ Spacesail Constellation ގެ ބައެއްގެ ގޮތުގައި ހިމެނޭ ސެޓެލައިޓްތަކެކެވެ. މިއީ ޗައިނާގެ ފަޒާގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.
މި ލޯންޗަކީ ލޯންގް މާޗް ކެރިއާ ރޮކެޓް ސީރީޒްގެ 655 ވަނަ ފްލައިޓް މިޝަން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޗައިނާއިން ދަނީ ފަހަކަށް އައިސް ފަޒާގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.





