-01-40bb8a38.jpg)

ބާސެލޯނާ ދޫކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވުމަށްފަހު، އެ ކްލަބަކީ އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު ތަށި ކާމިޔާބުކުރުމަށް އެންމެ އެކަށޭނަ މަންޒިލް ކަމަށް ސްޕެއިންގެ ފޯވާޑް ފެރާން ޓޮރެސް ބުނެފިއެވެ. ކޭމްޕް ނޯ ދޫކޮށް ޕާކް ޑެސް ޕްރިންސެސް އަށް ބަދަލުވުމުގެ މައިގަނޑު ސަބަބުތަކާ ގުޅޭގޮތުން ޓޮރެސް ވަނީ ނޫސްވެރިންނާ ވާހަކަދައްކާފައެވެ.
ޓޮރެސް ފާހަގަކުރި ގޮތުގައި އޭނާ ޕީއެސްޖީއާ ގުޅުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭއެވެ. "މިއީ އަހަރެންގެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އެންމެ އެކަށޭނަ ކްލަބް،" ޓޮރެސް ބުންޏެވެ. އަދި ފުޓްބޯޅައިގައި އެންރީކޭ އަކީ އޭނާއަށް ބައްޕައެއް ފަދަ މީހެއް ކަމަށާއި، ގައުމީ ޓީމުގައި އެކުގައި މަސައްކަތް ކުރިއިރު އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރި ކަމަށްވެސް އޭނާ ބުންޏެވެ. އަދި ކުޅުންތެރިންގެ އެންމެ ފުރިހަމަ ހުނަރު ނެރެދޭން އެންރީކޭއަށް އެނގޭނެ ކަމަށާއި އެންމެން އެކުގައި ހުރިހާ ތަށްޓެއް ކާމިޔާބު ކުރާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ފަރަންސޭސި ވިލާތުގެ ޗެމްޕިއަން ޕީއެސްޖީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ޓޮރެސް އެ ޓީމުގައި ބޭނުންކުރާނީ 9 ނަންބަރު ޖާޒީ އެވެ. އޭނާ ބާސެލޯނާ ދޫކޮށްލީ ވޯލްޑް ކަޕް ފައިނަލް މެޗުގައި ކާމިޔާބީގެ ލަނޑު ޖެހުމަށްފަހުގައެވެ. ނަމަވެސް އެ މުބާރާތަށްފަހު، ކްލަބުން އޭނާ ބޭނުންވާކަން އައު ކޮންޓްރެކްޓަކުން ސާބިތުކޮށްދިނުމަށް އެދި އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ވަނީ އޭނާއަށް އަމާޒުވެފައެވެ.






