-01-40bb8a38.jpg)

ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭން ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތައަށް ބޮޑުކުރުމަކީ ދިވެހި ކުންފުނިތަކަށް ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، 20 ޖުލައި 2021 ގައި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތައިން ފަސް އިންސައްތައަށް ކުޑަކުރުމަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވާފައެވެ.
މި ބަދަލުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނާ އަޅައި ބަލާއިރު ބޭރުގެ ކޮންޓްރެކްޓަރުންނަށް ޓެކްސްގެ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އަލުން މި ޓެކްސް 10 އިންސައްތައަށް އިއާދަކުރުމަކީ މި ފަރަގު ނައްތާލައި، ދިވެހި ކުންފުނިތަކަށް ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް ދައުލަތަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ.
އާންމު ގޮތެއްގައި މި ޓެކްސް ނަގަނީ ރޯޔަލްޓީއާއި، ޓެކްނިކަލް ފީއާއި، ޑިވިޑެންޑްގެ އިތުރުން ކޮންޓްރެކްޓް މަސައްކަތްތަކަށް ދައްކާ ފައިސާއިންނެވެ. މި ނިޒާމުގެ ސަބަބުން ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވައި، ދައުލަތުގެ އާމްދަނީ ރައްކާތެރިކޮށްދެއެވެ.






