-01-40bb8a38.jpg)

ސަރުކާރުގެ އެކި ވުޒާރާތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ "އަހާ" ފޯރަމްގެ އަށްވަނަ ބައްދަލުވުން ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ފޯރަމަކީ، ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި އާންމުންނަށް ތަފްސީލުކޮށްދީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ވަޒީރުންގެ ފަރާތްޕުޅުން ޖަވާބު ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.
އާދިއްތަ ދުވަހުގެ ރޭ 21:00 ގައި ފަށާ އަދި ދެ ގަޑިއިރުގެ މުއްދަތަކަށް ކުރިއަށްދާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އަދި އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެގޮތުން، ފޯރަމް ކުރިއަށްދާ މާލަމަށް ހާޒިރުވެ ސީދާ ސުވާލުކުރުމުގެ އިތުރުން، ޕީއެސްއެމް އެއާ އެޕްލިކޭޝަން އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކާއި އެކްސް މެދުވެރިކޮށްވެސް އޮންލައިންކޮށް ސުވާލު ފޮނުވުމުގެ ފުރުސަތު ވަނީ ހަމަޖައްސައިދީފައެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ބާއްވާ މި ސިލްސިލާ ފޯރަމްތައް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގައެވެ.






