-01-40bb8a38.jpg)

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެކި ދާއިރާތައް ފުޅާކުރަން ޖެހޭ ކަމަށާއި، ރިއަލްއެސްޓޭޓް ޤާނޫނެއް ތަޢާރަފުކުރުމަށް ސަރުކާރުން ނިންމެވީ ވަކި މަޝްރޫޢަކަށް ޚާއްޞަކޮށްގެން ނޫން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުގައި ސަރުކާރުން މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި "ކޮމާޝަލް ޓަރމް" އެގްރީމަންޓެއްގައި ކަމަށެވެ. އަދި ފުރިހަމަ އެއްބަސްވުމެއް ޤާއިމުކުރާނީ އަލަށް އެކުލަވާލާ ރިއަލްއެސްޓޭޓް ޤާނޫނާއި މިހާރު ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކުގެ ތެރެއިން މަޝްވަރާތައް ކުރުމަށްފަހު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި އައު ސިނާޢަތްތައް އުފެއްދުމަށް ރިއަލްއެސްޓޭޓް ޤާނޫނުގެ އިތުރުން މިހާރު ހުރި ޤާނޫނުތަކަށްވެސް އިޞްލާޙު ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، މި ޤާނޫނާއެކު މުޅި ރާއްޖޭގައި އެފަދަ މަޝްރޫޢުތައް ހިންގުމުގެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
"ރިއަލްއެސްޓޭޓް ޤާނޫނަކީ ވަކި ޕްރޮޖެކްޓަކަށް އަމާޒުކޮށްގެން އެކުލަވާލާނެ ޤާނޫނެއް ނޫން. މި ޤާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައިވެސް މިފަދަ ޕްރޮޖެކްޓު ހިންގުމުގެ ފުރުޞަތު ބޭރުކުންފުނިތަކަށްވެސް އޮންނާނެ އަދި ރާއްޖޭގެ ކުންފުނިތަކަށްވެސް އޮންނާނެ. އެގޮތަށް އަޅުގަނޑުމެން މި ޤާނޫނު އެކުލަވާލަނީ. މި ޤާނޫނު އެކުލަވާލެވުނީމަ މި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ރަސްމާލެ ބަޔަކާ ހަވާލުކުރަނީނަމަ އެކަން ކުރިއަށްގެންދާނީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.
މީގެއިތުރުން، އިމިގްރޭޝަން ޤާނޫނުގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރެޒިޑެންސީ ވިސާ ދޫކުރަމުންދާކަން ފާހަގަކުރައްވައި، ރަސްމާލޭގައި ހިންގާ މަޝްރޫޢުގައިވެސް ޢަމަލުކުރާނީ އެ އުޞޫލުތަކާ އެއްގޮތަށް ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ އިނީޝަލް އެއްބަސްވުމުގައި ސޮއިކުރިއިރުވެސް، އަދި ކުރިއަށް ރާވާފައިވާ ކަންކަމުގައިވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ނުހިމެނޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.






-1763645598717-18172e52.webp)