-01-40bb8a38.jpg)

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ހިންގާފައިވާ ކަމެއް ކަމަށާއި، އެމްއެމްޕީއާރްސީގެ މުޅި ހިޔާނާތް ހިންގާފައިވަނީ އެމަނިކުފާނުގެ ސީދާ އިރުޝާދުގެ މަތިން ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އިން ކޯޓުގައި ބުނެފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފަ އެވެ.
އެ މަޖިލީހުގައި ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އަމަލީ ގޮތުން ހިންގިކަން ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެ މަގާމާއި ޓޫރިޒަމް މިނިސްޓްރީގެ ބޮޑެތި ޒިންމާތަކެއް ދެއްވީ ކޮރަޕްޝަން ހިންގާކަމުގެ މައުލޫމާތު ލިބެމުން ދަނިކޮށް، ރައީސް ޔާމީންގެ އަމިއްލަފުޅު އިރުޝާދުގެ މަތިން ކަމަށެވެ. އަދި ޔާމީން، އަދީބަށް އިންތިހާއަށް އިތުބާރު ކުރައްވާފައިވާއިރު، އެ އިތުބާރު ގުޅިފައިވަނީ ފައިސާއާ ކަމަށްވެސް ދައުލަތުން ފާހަގަކުރި އެވެ.
ރައީސް ޔާމީން އަންގަވައިގެން 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އޭރު އެމަނިކުފާނު ދިރިއުޅުއްވި ހިލާލީގެއިން ނެރުނު ކަމަށް ހެކިވެރިއަކު ޝަރީއަތުގައި ބުނެފައިވާ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.
ފުއްގިރި މުއާމަލާތާ ގުޅޭގޮތުން ދައުލަތުން ބުނީ، އެ ރަށަކީ ފަސް މިލިއަން ޑޮލަރުގެ އަގުހުރި ރަށެއް ކަމަށާއި ނަމަވެސް އެ ރަށް ދޫކޮށްފައިވަނީ 1.5 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި ރަސްމީ އަގުގެ ގޮތުގައި 4 ލައްކަ ޑޮލަރު ދެއްކުމަށްފަހު، ބާކީ ބައި ޔާމީނާއި ޕީޕީއެމްއަށް ބެހުމަށް ރޭވި ނަމަވެސް، ފަހުން ގާނޫނީ މައްސަލަތައް ނުކުމެދާނެތީ ދުބާއީގެ ކުންފުނިން އެކަމަށް އެއްބަސްވެފައި ނުވާ ކަމަށްވެސް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.
މި މައްސަލައިގެ ހުލާސާ ބަޔާން އިއްވައި ނިމިފައިވާއިރު، ގާނޫނުގައިވާ ގޮތުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މި މައްސަލައިގެ ހުކުމް އިއްވަން ޖެހޭނެ އެވެ.