-01-40bb8a38.jpg)
-60392bef.jpg)
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފިސްކަލް މެންޑޭޓް މާލީ ކަންކަމާއި ދަޢުލަތުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލު ގެންނަން ނިންމީ، ދަޢުލަތުގެ އާމްދަނީއާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް، ޤަވާއިދުތަކަށް އަމަލުކުރާ މިންވަރު މަތިކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުންނެވެ.
އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ކަސްޓަމްސްގެ މާލީ މަސްއޫލިއްޔަތުތައް މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށާއި، ޓެކްސް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
ކަސްޓަމްސްއަކީ އިމްޕޯޓް ޑިއުޓީއާއި ބޯޑަރުން ނަގާ ޖީ.އެސް.ޓީ އަދި ތަފާތު އެކި ފީތައް ނެގުމުގެ މުހިންމު ޒިންމާ އަދާކުރާ އިދާރާއެކެވެ. ކަސްޓަމްސްގެ މާލީ މެންޑޭޓް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމަށް ނިންމާފައި މިވަނީ، އެ އިދާރާއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރި މައްސަލަ ފާހަގަވެފައިވާ ދަނޑިވަޅެއްގައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދާދި ފަހުން ނެރުނު ކަސްޓަމްސްގެ 2023 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ އަހަރުގެ ނިޔަލަށް ކަސްޓަމްސްއަށް ނުލިބިވާ ފައިސާގެ އަދަދު 461 މިލިއަން ރުފިޔާއަށް އަރައެވެ. މާލީ ވުޒާރާގެ އަމާޒަކީ މި ބަދަލުތަކާއެކު، ދައުލަތަށް ލިބެންޖެހޭ އެންމެހައި ފައިސާ ފުރިހަމައަށް އަދި ނިޒާމީ ގޮތެއްގައި ހޯދޭނެ އިންތިޒާމުތައް ވަރުގަދަކުރުމެވެ.
-071dd457.jpg)





