-01-40bb8a38.jpg)

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރުމަށް ރާވާފައިވާ ’މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ‘ މަޝްރޫއުގެ ތެރެއިން އިޒުރޭލު މީހުންނަށް ބިމާއި ގެތައް ނުގަނެވޭނެ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިބިލް ހުށަހެޅުއްވީ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން އެވެ.
ރަސްމާލޭގައި ތަރައްގީކުރުމަށް ރާވާފައިވާ މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއާ ގުޅޭ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހު އެވެ. މިމަޝްރޫއުގެ ޖުމްލަ އަގު 20 ބިލިއަން ޑޮލަރަށް އަރާއިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް ހިންގާނެ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ.
ރަސްމާލެ މަޝްރޫއުގައި ސޮއިކުރުމާއެކު އިދިކޮޅު ފަރާތްތަކުން ގެންދަނީ އީގަލް ހިލްސްއަކީ އިޒުރޭލާ ގުޅިފައި އޮތް ކުންފުންޏެއް ކަމަށް ބުނެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަސްމާލެއިން ބިން ގަނެ އިޒުރޭލު މީހުން އެތަނުގައި ދިރިއުޅެން ފަށާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ މުޒާހަރާވެސް ކުރަމުންނެވެ.
އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކަށް ރައްދުދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވޭ އިގްތިސާދީ ސިނާއަތަކަށް ވާނެ ކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ އެކަމާ ގުޅޭ ރިއަލް އެސްޓޭޓް ގާނޫނެއް ހަދައިގެން ކަމަށާއި ރަސްމާލެއިން ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ބިން ނުވިއްކާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ފުރަތަމަ ކިޔުން އިއްވުމަށް ހަމަޖެހިފައިވާ ރިއަލް އެސްޓޭޓް ބިލްގައި ބުނެފައިވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ނުވަތަ ކަމާ ގުޅޭ އެހެން ގާނޫނެއްގެ ދަށުންވެސް ރާއްޖެއަށް އައުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ ހުއްދަ ދެވެންނެތް ގައުމަކަށް ނިސްބަތްވާ މީހަކަށް، އެ ގައުމެއްގެ ރައްޔިތަކަށް، ނުވަތަ އެ ގައުމެއްގެ ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ ގާނޫނީ ޝަޚުސަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް ރަސްމާލޭގެ ޒޯނެއްގައިވާ މުދަލެއްގެ ލީސްހޯލްޑް ރައިޓްސް ވިއްކާ ނުލެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ބިމެއް ސަބްލީސް ނުކުރެވޭނެ ކަމަށްވެސް ބިލްގައިވެ އެވެ.
އިޒުރޭލުގެ ނަން ބިލްގައި ވަކިން ހިމަނައި، އިޒުރޭލުގެ ރައްޔިތުންނާއި ކުންފުނިތަކަށް ރަސްމާލޭގެ އެއްވެސް މުދަލެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެ ކަމަށާއި ސަބްލީސް ނުކުރެވޭނެ ކަމަށް ވަކިން ހާއްސަކޮށް ބިލްގައި ފާހަގަކޮށްފައިވެ އެވެ. އޮޅުވާލައިގެން އެއްވެސް މުއާމަލާތެއް ހިންގައިފިނަމަ އެ މުއާމަލާތެއް ބާތިލްކޮށް ބިން އަތުލެވޭނެ ގޮތްތައްވެސް ބިލްގައި ހިމަނާފައިވެ އެވެ.
ބިލްގައި ބުނެފައިވަނީ ރިއަލް އެސްޓޭޓް މުދަލެއް ގަންނައިރާއި ވިއްކާއިރު ދޮގު މައުލޫމާތެއް ދިނުމާއި މައުލޫމާތެއް ފޮރުވަައިފިނަމަ އެ މުއާމަލާތެއް ބާތިލްކުރުމުގެ ކުރިން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށްފަހު ގާނޫނާ ހިލާފު އަމަލެއްވާނަމަ އެ މުދަލެއްގެ ރަޖިސްޓަރީ ބާތިލްކޮށް ދައުލަތަށް ނެގޭނެ ކަމަށެވެ.
ރަސްމާލެއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މީގެކުރިން އެ މައްސަލައިގައި ވާހަކަދައްކަވާފައިވެ އެވެ. އެގޮތުން ރައީސް ވިދާޅުވީ ރަސްމާލެއިން ވެސް އަދި ރާއްޖޭގެ އެހެން ސަރަހައްދަކުވެސް ބޭރުގެ އެއްވެސް ފަރާތަކަށް ބިން ނުވިއްކާނެ ކަމަށެވެ. ރަސްމާލޭގައި އާބާދުވެ، ދިރިއުޅޭނީ ދިވެހިން ކަމަށާއި އެތަނުގައި ފުލުހުން ގާއިމުވެ ތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. މީގެއިތުރުން ރަސްމާލޭގައި އީގަލް ހިލްސް އިން ތަރައްގީ ކުރާ ސަރަހައްދުގައި ފަސް ވަގުތު ބަންގި ގޮވާނެ ކަމަށާއި އެތަނުގައި ބަނގުރާ ނުވިއްކާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރަސްމާލޭގައި އީގަލް ހިލްސް އިން ކުރިއަށް ގެންދާ މަޝްރޫއަށް ރާއްޖޭގެ ސިޔާސީ މަދު ބަޔަކު ދެކޮޅު ހަދަމުން ދިޔަ ނަމަވެސް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރަސްމާލެ މަޝްރޫއަށް ތާއީދުކުރައްވާ ވާހަކަދައްކަވަމުންނެވެ.




-5893c03d.jpg)

