-01-40bb8a38.jpg)

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މިރޭ އިފްތިތާހްކޮށްދެއްވައިފި އެވެ.
މިމަޝްރޫއު އިފްތިތާހް ކުރުމަށް މާލޭގެ ކުޅިވަރު އެކުވެނީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެތައް ސަތޭކަ އާންމުންނާއި، ބައެއް ދަރިވަރުންވެސް ބައިވެރިވެފައިވެ އެވެ.
މިމަޝްރޫއު އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޭޖުމަތީގައި ހުރި މޮނިއުމެންޓް މަތީގައި ދިއްލާފައިވާ ބޯޅައެއް ބަހައްޓަވާފަ އެވެ. މިރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯވެސް އިފްތިތާހްކޮށްދެއްވާފަ އެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިމަޝްރޫއުގެ ޝިޢާރަކީ "އިހްތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައިވެސް ވަނީ ކަނޑައަޅުއްވާފަ އެވެ.
ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ މިނިސްޓްރީ އިސްވެ އޮވެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ އިހްތިރާމް އަދާކުރުމުގެ ކެމްޕޭނަކީ ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ގައުމީ ފެންވަރުގައި ފެށި ބޮޑު ކެމްޕޭނެކެވެ.
މިމަޝްރޫއުގެ މަގުސަދަކީ މުޖުތަމައުގައި އުޅޭ އެންމެންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ގަދަރާއި އިހްތިރާމް ކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އާލާކޮށް ދިރުވުމުވެ. ވަކިން ހާއްސަކޮށް ޒުވާނުންނާއި، ކުޑަކުދިންގެ މެދުގައި އިހްތިރާމު އަދާކުރުމުގެ ރީތި ސިފަތައް ހަރުދަނާ ކުރުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
އިހްތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ރައީސް ޑރ. މުއިއްޒު ނިންމެވީ ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދަތައް ދިރުވާ އާލާކުރުމަށާއި ދިވެހިންގެ އަމިއްލަވަންތަކަން ހިފެހެއްޓުމަށެވެ. މިފަދަ މަޝްރޫއެއް ފަށަން ތައްޔާރުވަމުންދާކަން ރައީސް އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އދ. މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އިހްތިރާމް އަދާކުރުމަކީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރީތި އާދައެކެވެ. އެކަމަކު ދިވެހިންގެ ތެރެއިން އިހްތިރާމު އަދާކުރުމުގެ ރީތި ސިފަތައް ގެއްލެމުންދާތީ، މިރޭ މިފެށި މަޝްރޫއުގެ ސަބަބުން އިހުތިރާމް އަދާކުރުމުގެ ރިވެތި އާދަ ދިވެހިންގެ މެދުގައި އަލުން އާލާކުރެވޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.






