-01-40bb8a38.jpg)

އިސްލާމްވަންތަކާއި ދިވެހިވަންތަކަމުގެ ރޫޙަކީ، އިހްތިރާމް ކުރުމާއި އެކަކު އަނެކަކަށް ގަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރާ މުޖުތަމައެއް ބިނާކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހްކުރުމަށް، މާފަންނު ޓްރެކް ސަރަހައްދުގައި މިރޭ ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިން ބޭނުންވާ ހަގީގީ ތަރައްގީ ހާސިލްކުރެވޭނީ އުމްރާނީ ތަރައްގީއާއެކު ދިވެހީންގެ ވިސްނުން ބިނާކޮށްގެން ކަމަށެވެ. އެހެންވެ އިހްތިރާމުކުރުމުގެ ގައުމީ މަޝްރޫއެއް ފެށީ އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ގަދަރުކުރުމުގެ މައްޗަށް ބިނާވެފައިވާ އަދި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ތޯހިރުވެފައިވާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުޅުންތަކާ ގުޅުންތައް މިގޮތުގައި ބެހެއްޓިއްޖެނަމަ، ސައްތައިންސައްތަ މި އިސްލާމީ ގައުމަކީ، މާތް ﷲ ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމަޢުއަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާކުރެއްވި ދުވަހު ގައުމާ މުހާތަބުކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅަށްވެސް ބައްލަވާލެއްވި އެވެ. އެގޮތުން ގައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު އެމަނިކުފާނު އެ ދުވަހު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްގީގެ ގޮތުގައެވެ.
މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަމާޒަކީ ހަމައެކަނި އަތްލެވޭ ލޮލަށް ފެންނަ އުމްރާނީ ބިނާތަކާ މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ގައުމު ބިނާކުރުން ކަމަށެވެ. މިކަމުގެ ސަބަބުން، ދިވެހި މުޖުތަމައަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ގައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ގައުމިއްޔަތާއި ދިވެހި ވަންތަކަމަށް ފަޚްރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވެވި އެވެ.
އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމައުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަޚްލާގީ ގޮތުން ރައްޔިތުން ތާހިރުކުރުންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ރައީސް ވިދާޅުވީ އެކަކު އަނެކަކަށް ފުރައްސާރަކުރުމާ ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމައު ތާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ ކަމަށެވެ.
ދިވެހީންގެ ފަޚުރުވެރި މާޒީއަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް ކަމަށާއި، އެއީ މާތް އަޚްލާގާއި މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ އުޖާލާ މާޒީއެއް ކަމަށެވެ. އެ ޒަމާނުގައި އޮތް ރީތި އާދަތަކުގެ ތެރެއިން ވަގުތަށް ކަމޭހިތުމުގެ މުހިއްމުކަން ރައީސްގެ ވާހަކަފުޅުގައި ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ އާދައިގެ މުވައްޒަފެއްކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއްކަމަށް ވިޔަސް، އޮފީހެއްގެ ވެރިޔެއްކަމަށް ވިޔަސް އެ ޒަމާނުގައި ވަގުތަށް ކަމޭ ހިތުން އެއީ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން، ކޮންމެ ފަރުދަކުވެސް އެމީހެއްގެ މަސްއޫލިއްޔަތަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ގޮވާލައްވާފަ އެވެ. އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ދިވެހި ގައުމިއްޔަތަށް ދިރުންގެނެސްދޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހި ގައުމިއްޔަތަށް ދިރުން އެދެމުން ދިވެހިވަންތަ ކަމަށް ތަހުޒީބު މުސްތަގުބަލެއް ކުރަހައި ތަންފީޒުކުރަމުން މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ފެށިގެން ދިޔައީ ހަގީގީ އިހްތިރާމުކުރުމުގެ ގައުމީ މަޝްރޫއަކަށް ވެގެންދާނެ ކަމަށެވެ.






