-01-40bb8a38.jpg)

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފް، ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން އައްބާސް އިބްރާހީމަށް އަދި އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް މިރޭ އަރުވައިފި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އައްބާސްއަށާއި މުހައްމަދު ރަޝީދަށް ޝަރަފުވެރިކަމުގެ އެންމެ މަތީ އިނާމު އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އާލަސްކަންފުޅާ އުޅުއްވާތީ މުހައްމަދު ރަޝީދުގެ ފަރާތްޕުޅުން އިނާމާ ހަވާލުވެވަޑައިގަތީ ދަރިކަލުންނެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން އެމަނިކުފާނަކީ އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ހިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޒެކެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް އެމަނިކުފާނަށް ވެދެވަޑައިގެންނެވުމުގެ އެންމެބޮޑު ސަބަބަކަށް ވެގެންދިޔައީ، ނޫސްވެރިކަމަށް އައްބާސްގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބެވެ. ހަބަރުގެ ދާއިރާއަށް 1959 ވަނަ އަހަރު އައްބާސް އިބްރާހީމް ވެދެވަޑައިގެންނެވުމާއެކު ހަބަރު ލިޔުއްވަން ފެށްޓެވިއެވެ. ބޭރުގެ ހަބަރު، ރޭޑިއޯއިން އަޑުއައްސަވައިގެން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެންނެވެ. ބޭރު ބަސްބަހުން ހުންނަ ކުދިކުދި ވާހަކަ އެ ދުވަސްވަރު ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ މަސައްކަތްވެސް އައްބާސް އިބްރާހީމް ކުރެއްވި އެވެ. ތަރުޖަމާ ކުރެއްވުމުގެ މަސައްކަތުގައިވެސް ބޭރު ބަސްތައް ނުހިމަނައި، ރީތި ދިވެހި ބަހުން އެ ވާހަކަތައް ގެނެސްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވި އެވެ.
ދިވެހިބަހަށް އެންމެ ގިނަ ހިދުމަތެއް ކުރެއްވުމުގެ ފުރުސަތު އައްބާސް އިބްރާހީމަށް ލިބިވަޑައިގަތީ، 22 ޑިސެމްބަރު 1996ގައި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުގެ ރައީސްކަމުގެ މަގާމު ސަރުކާރުން ދެއްވި ހިސާބުން ފެށިގެންނެވެ. އޭގެފަހުން އެ މަޖިލީހުގެ ނަން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުކުރެއްވި އެވެ. އެ މަގާމުގައި ހިދުމަތް ކުރެއްވި 12 އަހަރެއްހާ ދުވަހު، ދިވެހިބަހަށް ހިދުމަތް ކުރުމުގެ ރޮނގުން ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް އައްބާސް ކުރެއްވިއެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއްކަމަކީ 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި، ކޮމްޕިއުޓަރުން ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރެއްވުމެވެ. ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، އައްބާސް އިބްރާހީމް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތައުރީފު ހައްގު މަސައްކަތްޕުޅުތަކެކެވެ.
އެމަނިކުފާނު ދިވެހިބަހާއި އަދަބިއްޔާތަށް ކުރެއްވި ހިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ހިދުމަތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އެކީގައި ބައްލަވައި، ދިވެހިބަހުން ރަނގަޅަށް ދޭހަވާ ގޮތަށް ބަސްތައް ފުރިހަމަކުރެއްވުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅެވެ. ދިވެހިބަހުގެ އެކެޑަމީގައި އޮންނަ "ބަސްކޮމިޓީ"ގެ މެންބަރެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. އެ އެކެޑަމީގެ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި މިހާރުވެސް ހުންނެވީ އެ މަނިކުފާނެވެ. މީގެއިތުރުން ވާހަކަ ލިޔުއްވުމާއި، އެކިއެކި މައުޟޫއުތަކަށް މަޒުމޫނު ލިޔުއްވުމާއި އަދި ބޭރު ބަސްބަހުން ހުންނަ ބައެއް ވާހަކަ ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން ވާހަކަފޮތް ލިޔެ ޝާއިއު ކުރުމާއި އެކިއެކި މުނާސަބަތާ ގުޅިގެން ތަފާތު މައުޟޫއުތަކަށް މަޒުމޫނު ލިޔުއްވައި، ނޫސްތަކުގައި ޝާއިއު ކުރެއްވުމާއި ދިވެހި އަދަބިއްޔާތުގެ މުހިންމު ބައެއް ކަމަށްވާ ޅެންވެރިކަމުގެ ރޮނގުގައިވެސް އައްބާސް އިބްރާހީމްގެ މަސައްކަތްޕުޅު ފާހަގަކޮށްލެވެ އެވެ.
1979 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ރޭޑިއޯ މޯލްޑިވްސްއާ އައްބާސް އަލުން ގުޅިވަޑައިގަތުމަށްފަހު، ރޭޑިއޯގެ ޕުރޮގުރާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ. ހަމައެއާއެކުގައި ޕްރޮގުރާމްތަކުގެ ތެރެއިން ދިވެހި ބަހާއި އަދަބިއްޔާތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ.
ދިވެހިބަހާއި އަދަބިއްޔާތަށް އަދި މި ރޮނގުން ދިވެހި ގައުމަށާއި ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކުގައި އައްބާސް އިބްރާހީމް ކޮށްދެއްވި ހިދުމަތްތަކުގެ އަގު، ދައުލަތުން ވަނީ އެކިފަހަރުމަތިން ވަޒަންކުރައްވައި، އެކަމުގެ ޝަރަފު އަރުވާފަ އެވެ. މިގޮތުން ނޫސްވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1985 ވަނަ އަހަރު، ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު އައްބާސް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފަ އެވެ. މިނިވަން 25ގެ އިނާމުވެސް 1990 ވަނަ އަހަރު ޢައްބާހަށް ލިބިވަޑައިގެންފައިވެ އެވެ.
ނޫސްވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނޫސްވެރިކަމުގެ ރަން ގަލަމާއި، ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން ދެއްވި "އަލިމަސް ގަލަން" ވެސް އައްބާސްއަށް ލިބިވަޑައިގެންފައި ވެއެވެ. މީގެ އިތުރުން މީޑިއާ ކައުންސިލުން ދެއްވި "ހަޔާތުގެ އަރުތަ" އިނާމުވެސް އައްބާސް އަށް ލިބިވަޑައިގެންފައިވެ އެވެ.
އައްބާސް އިބްރާހީމް މިހާރު ހުންނެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖުގެ މުޝީރުގެ މަގާމުގައެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި އެ މަނިކުފާނު ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 67 އަހަރަށް ވުރެ ދިގު މުއްދަތެއް ވެއްޖެ އެވެ. އެ މަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވަނީ 26 ޖުލައި 2013 ގައެވެ.
މިސްރުގެ ޖާމިއުލްއަޒްހަރުން މަތީ ތައުލީމު ހާސިލް ކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމަށްފަހު، ރާއްޖޭގައި ދީނީ ތައުލީމު އުނގަންނައިދެއްވުމަށާއި، ދީނީ ރޮނގުން މީހުން ހޭލުންތެރިކުރުމުގައި ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތްޕުޅުތަކެއް އަމަލީގޮތުން އަދާކުރެއްވި ބޭފުޅެކެވެ.
ޑޮކްޓަރ މުހައްމަދު ރަޝީދު އިބްރާހީމް، ސަރުކާރަށް ހިދުމަތް ކުރައްވަން ފެށްޓެވީ 8 ފެބުރުވަރީ 1981 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުންނެވެ. އޭގެފަހުން އެ އޮފީހުގެ ހާއްސަ ވަކީލުކަމުގެ މަގާމުވެސް ފުރުއްވި އެވެ. އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އުފެދުމާ ގުޅިގެން، އެ މަދަރުސާގެ މުދީރުކަމަށް 15 ޖަނަވަރީ 1987 ގައި ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ހަމަޖެއްސުވުމާއެކު، އެ މަގާމުގައި ހުންނަވައިގެން، އެ މަދަރުސާގެ ހިންގުން ހަރުދަނާކުރައްވައި އެ މަދަރުސާގެ މުގައްރަރު އަލުން މުތާލިއާ ކުރައްވައި، ސާނަވީ ތައުލީމުން ފެށިގެން އަރަބި ބަހުން ތައުލީމުދޭ މަދަރުސާއަކަށް ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެއްވުމަށްޓަކައި އަމަލީގޮތުން ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވާފަ އެވެ.
ޑރ. މުހައްމަދު ރަޝީދު އިބްރާހީމްގެ އިލްމީ ޚިދުމަތްތަކުގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތަކީ، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ފެށްޓެވި، ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމަށްޓަކައި އުފެއްދެވި ކޮމިޓީގައި އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކުރެއްވި ހިދުމަތެވެ. އެ ކޮމިޓީގެ ރައީސްކަންވެސް 18 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ކުރެއްވި އެވެ. ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުގައިވެސް ތަފާތު އެތައް މައުޟޫއަކަށް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ވަނީ އިލްމީ ތަގުރީރުތައް ކުރައްވާފަ އެވެ. އަދި ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްއިން ފޮނުވަމުން ގެންދެވި ދީނީ އެކިއެކި ޕުރޮގްރާމުތަކުގައްޔާއި، އިލްމީ ބަހުސްތަކުގައި އެ މަނިކުފާނު އަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ، ހުކުރު ހުތުބާވެސް ގިނަ އަދަދަކަށް ލިޔުއްވި ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮންމެ ހަފުތާއަކު ނެރުއްވަމުން ގެންދެވި "ދީނުގެ މަގު" މި ނޫހަށް އެކިއެކި މައުޟޫއުތަކަށް ކޮންމެ ހަފުތާއަކުވެސް ލިޔުއްވަމުން ގެންދެވި އެވެ.
ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާއަށާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއަށްވެސް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެތަންތާނގައި ހިންގި ތަފާތު ކޯސްތަކުގައި ދިގު މުއްދަތެއްގައި ކިޔަވައިދެއްވަމުން ގެންދެވި އަދި ދަރިވަރުންގެ މަގުބޫލުކަމާއި ތާރީފު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ދަރިވަރުންނަށް ހެޔޮއެދިވަޑައިގަންނަވާ، އިލްމީ މައިދާނުގައި ފުންނާބު އުސް އުސްތާޒެކެވެ. ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ، ދީނީ އަދި އިލްމީ ވަރަށް ގިނަ ފޮތްފޮތް ލިޔުއްވައިފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި، ކުޑަކުދިންނަށް ހާއްސަ ކުރައްވައިގެން ދީނީ ވާހަކަ އަދި ސިލްސިލާއެއްގެ ގޮތުގައި ކުޑަކުދިންނަށް ހާއްސަ ކުރައްވައިގެން، ކީރިތި ރަސޫލާގެ ސީރަތުގެ މައްޗަށް ބައެއް ފޮތް ލިޔުއްވައިފައިވެ އެވެ. ބޭރުގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުގައިވެސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ވަނީ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފަ އެވެ. އަދި ބައިނަލްއަގްވާމީ ބައެއް ކޮންފަރެންސްތަކުގައިވެސް ރާއްޖެ ތަމްސީލް ކުރައްވާފައިވެއެވެ.
ޑރ. މުހައްމަދު ރަޝީދު އިބްރާހީމް ވަނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފަ އެވެ. އެންމެ ފަހުން އަދާކުރެއްވީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އެ މަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ.