-01-40bb8a38.jpg)

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި 25،000 އަށް ވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން 2،771 ވިޔަފާރިއަކީ އަލަށް ވިޔަފާރި ފެށުމަށް ދީފައިވާ ލޯނުތަކުގެ އެހީގައި ފެށި ވިޔަފާރިތައް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީ އަށްދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ ވެއަތުވި ތިން އަހަރުތެރޭ ރަޖިސްޓްރީކުރި ކޮންމެ ދިހަ ވިޔަފާރިއަކުން އެއް ވިޔަފާރިއަކީ ވިޔަފާރިފެށުމަށްދޭ ލޯނުތަކުން މަންފާ ލިބިފައިވާ ވިޔަފާރިއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިވީ މުއްދަތުގެ ތެރޭގައި ޖުމްލަ 4،061 ލޯނު އެޕްލިކޭޝަން ބަލައިގަންފައިވާ ކަމަށެވެ. އަދި މިލޯނުތަކުގެ ގާތްގަނޑަކަށް 68 އިންސައްތައަކީ އަލަށް ވިޔަފާރި ފެށުމަށް ދީފައިވާ ލޯނުތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްދޭ ފައިނޭންސިންގް ސްކީމުގެ ދަށުން ޖުމްލަ 1.3 ބިލިއަން ރުފިޔާ ދިނުމަށް ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އަދަދުގެ ތެރެއިން 482 މިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
އަމިއްލަ ވިޔަފާރިތަކުގެ ދާއިރާ ވަރުގަދަކޮށް، ވިޔަފާރިވެރިން ކުރިއަރުވައި،އިޤްތިޞާދީ ކުރިއެރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ސާއީދު ފާހަގަ ކުރެެއްވެވި އެވެ.



