-01-40bb8a38.jpg)

ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލުން ފުރުސަތުތައް ބޭކާރުކުރުމުގެ ފައިދާ ނަގައި، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑުން 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އާސެނަލަށް ކުރިހޯދައިދިނީ ވިކްޓަ ޔޯކެރެސް ޖެހި ހިތްގައިމު ލަނޑުންނެވެ. ނަމަވެސް، ދެވަނަ ހާފުގައި ޑޯޓްމުންޑުގެ މެކްސިމިލިއަން ބެއިއާ ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 75 ވަނަ މިނެޓުގައި އާސެނަލް މޮޅުކޮށްދޭން ޔޯކެރެސްއަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް، މާޓިން އޮޑެގާޑް ހުރަސްކޮށްދިން ބޯޅަ އޭނާ ފޮނުވާލީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މެޗުގައި އާސެނަލުން 30 ހަމަލާ އުފެއްދި ނަމަވެސް، ލަނޑު ޖެހުމުގައި ހުރި މައްސަލަތަކުގެ ސަބަބުން މޮޅުވާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. މެޗުގެ ފަހުކޮޅު ޑެކްލަން ރައިސް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.
މި މެޗުން އެއްވަރުވި ނަމަވެސް، އާސެނަލް ވަނީ ޗެމްޕިއަންސް ލީގުގައި 90 މިނެޓުތެރޭގައި ބަލިނުވެ ވިދިވިދިގެން 20 މެޗު ހަމަކޮށް، މި މުބާރާތުގައި އެ ރެކޯޑް ހެދި އިނގިރޭސި ތިންވަނަ ޓީމުގެ ޝަރަފު ހޯދާފައެވެ.


-5dcc07c1.jpg)



