-01-40bb8a38.jpg)

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި 5-1 ގެ ބޮޑު ނަތީޖާއަކުން ޕީއެސްވީ ބަލިކޮށް، ރެއާލް މެޑްރިޑުން މުބާރާތުގެ ސައްތައިންސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ. ސެންޓިއާގޯ ބެރްނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްވީއަށް ލީޑު ނަގައިދިނީ އީވާން ޕެރިސިޗެވެ. މިއާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ރެއާލް ކޮޅަށް ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
ފުރަތަމަ ހާފަށްފަހު ހޯސޭ މޮރީނިއޯ ގެނައި ތިން ބަދަލާއެކު، ދެވަނަ ހާފުގައި ރެއާލުން މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ފެޑެރީކޯ ވަލްވާޑޭ ނަތީޖާ ހަމަހަމަކޮށްދިންއިރު، 60 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޫޑް ބެލިންހަމް ވަނީ ހިތްގައިމު ވޮލީއަކުން ލީޑު ހޯދައިދީފައެވެ.
މީގެ އިތުރުން ކީލިއަން އެމްބާޕޭ ދެ ލަނޑު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ހަތް މެޗުގައި ލަނޑު ޖެހުމުގެ އަމިއްލަ ރެކޯޑެއް ހެދިއެވެ. މެޗުގެ 87 ވަނަ މިނެޓުގައި ރެއާލްގެ ފަސްވަނަ ލަނޑު ޖަހައިދިނީ ވިނީޝިއުސް ޖޫނިއާއެވެ. މިއީ ރެއާލުން ޗެމްޕިއަންސް ލީގު ސީޒަނެއްގައި ޖެހިޖެހިގެން ފުރަތަމަ ފަސް މެޗުން މޮޅުވި ހަތަރުވަނަ ފަހަރެވެ. ރޭގެ މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުން މޮޅުވެފައެވެ.






