-01-40bb8a38.jpg)
އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޭއްވުމަށް ނިންމާފައިވާ "އަހާބަލަ" އިހްތިޖާޖަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ އިހްތިޖާޖެއް ކަމަށް އެ ޕާޓީން ބުނެ އެވެ. ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އެމްޑީޕީގެ މުޅި ފިލޯސަފީއަކީ އަބަދުވެސް ބަޔަކު މޮޔަހައްދައި ވާވައްދައިގެން ގައުމު ހަލަބޮލިކުރުމެވެ. ރައްޔިތުންގެ ހިޔާލު ހޯދުމަށް އިހްތިޖާޖެއް ކުރާ ވާހަކަދެއްކުމުން އެމްޑީޕީގައި އެއްވެސް ސިޔާސަތެއް ނެތްކަން އެނގި ހާމަވެ އެވެ.
މާލޭގެ އާޓިފިޝަލް ބީޗުގައި އެމްޑީޕީން ބާއްވާ އިހްތިޖާޖުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަނީ ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމަށް ކަމަށް އެމްޑީޕީން ބުނެ އެވެ. ގައުމު ފިތުނަކުރުމުގެ މާޒީއެއް އޮތް އެމްޑީޕީގެ އިހްތިޖާޖު ވާދަވެރިން ސިފަކުރަނީ އެ ޕާޓީން އެހެންޏާވެސް ބާއްވާ ފަދަ އާންމު، އާދައިގެ، އިހްތިޖާޖެއްގެ ގޮތުގައެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން އެމްޑީޕީން މީގެކުރިން ހަދަމުންދިޔަ ދޮގުތަކާއި، ފާޅުކުރަމުން ދިޔަ ކަންބޮޑުވުންތަކަކީ ދޮގެއްކަން އެނގި ހާމަވުމުން ރަސްމާލެ މަޝްރޫއު ހުއްޓުވުމަށް އެމްޑީޕީން ކުރި ހުރިހާ މަސައްކަތެއް ވަނީ ފެއިލްވެފައެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލްގެ ތެރެއިން ރަސްމާލެ މަޝްރޫއުގައި ހުރި ކަމަށް ބުނަމުން ދިޔަ ކަންބޮޑުވުންތަކަށް ގާނޫނީ ރައްކާތެރިކަން ވަނީ ސަތޭކަ އިންސައްތަ ޔަގީންކޮށްދީފަ އެވެ. އެހެންކަމުން އެމްޑީޕީން ކުރިއަށް ގެންދަން ނިންމާފައިވާ "އަހާބަލަ" އިހްތިޖާޖުން ހާސިލްކުރެވޭނެ ވަކި ހާއްސަ އަމާޒެއް ނެތްކަން އެ ޕާޓީގެ އިސް ބޭފުޅުންނަށްވެސް މިހާރު ޔަގީންކުރެވޭނެ އެވެ. އެހެންވެ އަހާބަލަ އިހްތިޖާޖަކީ ވަކި މަގުސަދެއް ނެތި، ޕާޓީގެ އާންމު މެންބަރުން މަގުމައްޗަށް ނެރެ، އެމީހުންގެ އަގުހުރި ވަގުތު ގެއްލުވާލުމަށް ބާއްވާ ހަރަކާތެއްގެ ގޮތުގައި އެމްޑީޕީގެ ބައެއް އާންމު މެންބަރުންވެސް ފާހަގަކުރެ އެވެ.
އެމްޑީޕީގެ ހުތުރު މާޒީއަށް ބަލާއިރު އެ ޕާޓީއަކީ އެއްވެސް އިރަކު ގައުމުގެ ކުރިއެރުމަށާއި ލާބައަށް ހެޔޮ އެދުނު ޕާޓީއެއް ނޫނެވެ. އެމްޑީޕީގެ ސަރުކާރުތަކުގައިވެސް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދިވެހި ގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. މީގެއިތުރުން ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް ގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށް އެމްޑީޕީން ނޫން ސަރުކާރުތަކުން ކުރާ މަސައްކަތްތަކަށް ޒާތީ ގޮތުން ހުރަސްއެޅުމަކީ އެމްޑީޕީގެ ސިޔާސަތެކެވެ. ތިމާމެންގެ ގަމާރުކަމުން ކަމެއް ނުކޮށްދެވޭ ތަނުގައި، އެހެން މީހުން ގައުމަށް ހެޔޮއެދިގެން ކުރާ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ އެމްޑީޕީން ދިވެހި ގައުމަށް ދޭ ބޮޑު ގެއްލުމެކެވެ.





