-01-40bb8a38.jpg)

ސަލާމަތީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ކާރިސާއަކަށް އެއާޕޯޓް ތައްޔާރުވެފައިވާ މިންވަރާއި، އެފަދަ ހާލަތެއްގައި އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުރިމިންވަރު ދަނެގަތުމަށްޓަކައި ބޭއްވި އެއަރޕޯޓު ސެކިއުރިޓީ އިމަޖެންސީ ހަރަކާތެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިއްޔެ ކާމިޔާބީއާއެކު ފުރިހަމަކޮށްފިއެވެ.
ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާއި އެމް.އޭ.ސީ.އެލް ގުޅިގެން ވީއައިއޭގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ހިންގި މި ހަރަކާތުގައި، އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓު ލައުންޖްތަކުގައި މަސައްކަތްކުރާ މުވައްޒިފުންނާއި އެކު ޖުމްލަ 123 ވޮލަންޓިއަރުން ބައިވެރިވިއެވެ. މީގެ އިތުރުން، ފުލުހުންގެ މުއައްސަސާއާއި، އެއާލައިންތަކާއި، ދައުލަތުގެ ކަމާބެހޭ އެހެން މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރގެ އިތުރުން ބޭރުގެ އެމްބަސީތަކުގެ ބޭފުޅުން ވަނީ މި ހަރަކާތް ކުރިއަށްދިޔަ ގޮތް ބަލައި މޮނިޓަރކުރުމުގައި ހަރަކާތްތެރިވެފައެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި މިހާރު އަމަލުކުރެވެމުންދާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި، އެއަރޕޯޓުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ހެދިފައިވާ އެސްއޯޕީތަކުގެ ހަރުދަނާކަން ވަޒަންކުރުމެވެ. އަދި ކަމާގުޅުންހުރި އެކި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ދިމާވެދާނެ ކޮންމެ ސަލާމަތީ ނުރައްކަލަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ މިންވަރު ކަށަވަރުކުރުން ކަމަށް އެމް.އޭ.ސީ.އެލް އިން ބުނެއެވެ.
މި ހަރަކާތް ނިންމާލުމަށްފަހު، ހަރަކާތް ދިޔަގޮތް ވަޒަންކުރުމުގެ ގޮތުން ބާއްވާ "ހޮޓްވޮޝް" ބައްދަލުވުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ވީއައިއޭގައި ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކާމިޔާބުވި ކަންކަން ފާހަގަކޮށް، އިތުރަށް އިސްލާހުކޮށް ހަރުދަނާކުރަންޖެހޭ ކަންކަން ދެނެގަތުމެވެ.
ދަތުރުވެރިންނާއި، މުވައްޒަފުން އަދި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމުގައި އެމްއޭސީއެލް ދެމިއޮންނާނެއެވެ.


