-01-40bb8a38.jpg)

ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ "ވަރަ އެކްސްޕޯ" މިއަދު ފަށައިފި އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ ވަރަ އެކްސްޕޯ މިއަދު ހަވީރު ފައްޓަވައިދެއްވީ ބަންޑާރަނައިބް އަހްމަދު އުޝާމު އެވެ.
އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންއާއި ކެބިނެޓުގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ސަފީރުންނާއި ބައެއް އެމްބެސެޑަރުންވެސް ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ 35،000 ޒުވާނުން އެކްސްޕޯއަށް ޒިޔާރަތްކޮށް ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ހޯދައި، ވަޒީފާގައި ކުރިއަށް ދިއުމަށް އުއްމީދުކުރައްވާ ކަމަށެވެ.
ގައުމުގެ އަމާންކަން ކަށަވަރުކޮށް މަސައްކަތްތެރިން ބާރުވެރިކުރުމާއި ޑިޖިޓަލް ކުރިމަގު ބިނާކުރުމަށް އަމާންކަމާއި ހިދުމަތްތައް ބަދަލުކުރުމުގެ އާ ޒަމާނެއް 2023-2026 ފޮތްވެސް މިއަދު ވަނީ ނެރެފަ އެވެ.
ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް އަމިއްލަ ވިޔަފާރިތައް ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާއި ބޭނުންވާ ހުނަރުތައް ދައްކާލުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.
މި އެކްސްޕޯގައި ޖުމްލަ 158 އެގްޒިބިޓަރުން ބައިވެރިވާއިރު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެކްސްޕޯ ކުރިއަށްދާނެ އެވެ.
މައިގަނޑު ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އެކްސްޕޯގެ މާކެޓް ޒޯނުގައި 73 ބައިވެރިން ހިމެނޭއިރު، ކެރިއާ ޒޯނުގައި 34 ބައިވެރިން، އެޑިއުކޭޝަން ޒޯނުގައި 32 ބައިވެރިން އަދި ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯނުގައި 19 ބައިވެރިން ހަރަކާތްތެރިވެ އެވެ.
ވަރަ އެކްސްޕޯގެ މިއަހަރުގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރަކީ ސަން ސިޔާމް ރިސޯޓްސް އެވެ.