-01-40bb8a38.jpg)

އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި ރުއްގަހަށް ބޮޑެތި ގެއްލުންދޭ ސޫއްޕެއް ކަމަށްވާ "ރެޑް ޕާމް ވީވިލް" ފެނިފައިވާކަން ޔަގީންކުރެވިފައިވާތީ މި ސޫފި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ފެތުރުނަ ނުދިނުމުގެ ގޮތުން އެ އަތޮޅުން ބޭރަށް ރުއްގަސް ގެންދިއުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ސޫއްޕަކީ ސައިންޓިފިކް ނަމުން ނަމަ "ރިންކޮފޯރަސް ފެރުގިނިއަސް ކަމަށެވެ. މިއީ ރުކާއި، ކަދުރު ރުކާއި އަދި ޒީނަތްތެރިކުރުމަށް އިންދާ ޕާމްގެ ބާވަތްތައް ހިމެނޭހެން، ޕާމް އާއިލާގެ ގަސްގަހާގެއްސަށް ބޮޑެތި ގެއްލުންދޭ ސުއިއްޕެކެވެ.
މިނިސްޓްރީން ބުނީ މި ސޫފިން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ސޫފީގެ ފަނި ނުވަތަ ލާވާ މަރުހަލާގައި ކަމަށެެވެ. އެގޮތުން ލާވާތައް ރުކުގެ ބޮނޑީގެ އެތެރޭގެ މަޑު ބައިތައް ކައި ހުސްކުރެ އެވެ. މި ގެއްލުންތައް ލިބެނީ ރުކުގެ އެތެރޭގައި ކަމަށްވެފައި، ބޭރުފުށުން އެކަން ފާހަގަކުރަން ދަތިވުމުގެ ސަބަބުން، ރުކަށް ވަރަށް ބޮޑަށް ގެއްލުން ވަންދެންވެސް މި ސޫފި އަޅާފައިވާކަން ނޭނގި އޮވެދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން، މި ސޫފި ފެނިފައިވާ ރަށްރަށުގެ ރުއްތަކަށް މިހާރު ދަނީ ބޭސް ޖަހަމުންނެވެ. އަދި ދިގު މުއްދަތަކަށް މިކަން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން ފެރަމޯން ދަންތުރަ ތައާރަފު ކުރުމުގެ އިންތިޒާމުތައްވެސް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.






