-01-40bb8a38.jpg)

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މިއަދު ފެންނަނީ ސިޔާސީ ގޮތުން މުޅިން ބަނގުރޫޓުވެ، މަގުމަތީގައި ތަރުހީބެއް ނެތި ހަފުސްވަމުންދާ މަންޒަރެވެ. ޕާޓީގެ ލީޑަރޝިޕުން ކިތަންމެ ވަރަކަށް މަގުމައްޗަށް ނުކުމެ ވަޑައިގެންނެވި ނަމަވެސް، އާންމު މެންބަރުންގެ ބައިވެރިވުން ނެތި، ބާއްވާ ކޮންމެ އެއްވުމަކާއި އިހުތިޖާޖެއް ނިމިގެންދަނީ ވަރަށް ފިނި އަދި ވައި ހަރަކާތެއްގެ ގޮތުގައެވެ. ދުރާލާ އިސްތިހާރުކޮށް، މަގުތަކުގައި ޕިކަޕް ބުރުޖަހައި އަޑުގަދަކުރި ނަމަވެސް، ނުކުންނަ މަދު މީސްކޮޅާއެކު ނަގަން ޖެހެނީ ސިޔާސީ ގޮތުން ލަދުވެތި ފޮޓޯތަކެކެވެ. މިއީ ހަމައެކަނި އެއްވުމެއް ފޫހިވުމެއް ނޫނެވެ؛ މިއީ ވިސްނައިފި ކޮންމެ މީހަކަށް ސިޔާސީ ބޮޑު އިބުރަތެކެވެ.
މަގުމަތީގެ ނާކާމިޔާބީއާއި ލަދުވެތި ފޮޓޯ
އެމްޑީޕީން މިހާރު މަގުމައްޗަށް ނުކުންނަ މައިގަނޑު ބޭނުމަކީ ސަރުކާރަށް ޕްރެޝަރު ކުރުމަށްވުރެ ބޮޑަށް، މީޑިއާތަކަށާއި ސޯޝަލް މީޑިއާއަށް ދައްކާލާނެ "ސިޔާސީ ފޮޓޯއެއް" އުފެއްދުމެވެ. ނަމަވެސް، ތަކުރާރުކޮށް މިކަން މިވަނީ ފެއިލްވެފައެވެ. މަގުމަތީގައި ތިބޭ މަދު މީސްކޮޅު ފޮރުވުމަށްޓަކައި ކެމެރާގެ އެންގަލްތަކުން ކުޅެން ޖެހުމާއި، އިސްވެރިންގެ މޫނުމަތިން ފެންނަ މާޔޫސްކަމާއި ލަދުވެތިކަމަކީ ފޮރުވޭނެ ހަގީގަތްތަކެއް ނޫނެވެ. ޕާޓީގެ އާންމު މެންބަރުން މި ހަރަކާތްތަކަށް ފުރަގަސްދިނުމުން ދޭހަވަނީ، ލީޑަރޝިޕުން ދައްކާ ހޮޅި ވާހަކަތަކަށް އިތުބާރުކުރާނެ ރައްޔިތަކު މިއަދު އެ ޕާޓީގެ އެތެރޭގައި ވެސް ނެތް ކަމެވެ.
ލީޑަރޝިޕަށް އޮތް އިތުބާރު ގެއްލުން: އަމިއްލަ އެދުމުގެ ފިކުރު
މި ހާލަތު މެދުވެރިވާން ދިމާވި މައިގަނޑު އެއް ސަބަބަކީ ޕާޓީގެ ލީޑަރޝިޕާމެދު އާންމު މެންބަރުންގެ މެދުގައި އޮތް އިތުބާރު ކުޑަވުމެވެ. ޗެއާޕާސަން މުޙައްމަދު ނަޝީދު ހިމެނޭހެން، އެ ފެކްޝަނުން އަލުން އެމްޑީޕީގެ ބާރުތައް އަތުލި ނަމަވެސް، މިއީ އިއްޔެ ވެސް ޕާޓީ ރޫޅާލައި، އަމިއްލަ އެދުމަށްޓަކައި ޕާޓީއަށް ކެހިދިން ބައެއްކަން އާންމު މެންބަރުން ހަނދާނެއް ނުނެތެއެވެ. އާންމު މެންބަރުންގެ މަސްލަހަތަށްވުރެ އަމިއްލަ ސިޔާސީ މަންފާއަށް އިސްކަންދޭ މިފަދަ ފެކްޝަނަކާއެކު ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން މެންބަރުން މިއަދު ގަބޫލުކުރެއެވެ. ވެރިކަން އަތްފޯރާ ފަށުގައި ނެތްއިރު ވެސް، މި ލީޑަރޝިޕުން މަސައްކަތްކުރަނީ ޕާޓީގެ ބާރުތައް ދޫނުކޮށް ގޮނޑިތަކުގައި ބަގުޑިބައްދައިގެން ތިބުމަށެވެ.
ސޯލިހުގެ ފެކްޝަންގެ ބުރަހެލިކަމާއި އާރެއްނެތް ކެންޑިޑޭޓުން
އަނެއްކޮޅުން ފެންނަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނަށް އޮތް ތާއީދު ވެސް ބޮޑުތަނުން ފުނޑުފުނޑުވެފައިވާ މަންޒަރެވެ. ޞާލިޙަކީ މިހާރު އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި މަގުބޫލުކަން އެންމެ ކުޑަ އެއް ލީޑަރެވެ. އެމަނިކުފާނުގެ ހިންގުންތެރިކަމެއް ނެތުމާއި، ބުރަހެލި ސިޔާސަތުގެ ސަބަބުން ޗެއާޕާސަން އިންތިޚާބު ގެއްލި، އިއްޔެ ޕާޓީ ވައްޓާލި މީހުންގެ ކުރިމަތީގައި ބަލިކަށިވެގެން ދިޔުމަކީ މެންބަރުންގެ މާޔޫސްކަން އިތުރުވި ކަމެކެވެ. މީގެއިތުރުން، އެ ފަޅިން ރިޔާސީ ރޭހަށް ނެރެން މަސައްކަތްކުރަނީ އިހަށްދުވަހާ ޖެހެންދެން ޖުމްހޫރީ ޕާޓީގައި ތިއްބެވި، އެމްޑީޕީގެ އަސްލު ފިކުރާ ގުޅުމެއް ނެތް އަދި ޕާޓީގެ ތެރޭގައި އެއްވެސް އާރެއް ބާރެއް ނެތް ބޭފުޅުންނެވެ. ފައިސަލް ނަސީމާއި އާދަމް އާޒިމް ފަދަ ބޭފުޅުން އިސްކޮށްގެން ދައްކާ ސިޔާސީ ތަމްސީލަކީ އެމްޑީޕީގެ އަސްލު ހިދުމަތްތެރިން ބަލައިގަންނަ ކަމެއް ނޫނެވެ.
ގައުމީ ތަރައްގީއަށް ހުރަސްއެޅުމާއި ރަސްމާލެ މަޝްރޫއު
އެމްޑީޕީގެ މުޒާހަރާތަކުން މީހުން މަދުވުމުގެ އެންމެ ބޮޑު އަނެއް ސިއްރަކީ، އެ ޕާޓީގެ ހެޔޮވިސްނޭ އާންމު މެންބަރުން ގައުމުގެ ތަރައްގީއާ ދެކޮޅު ނުވުމެވެ. މުޅި ދެކުނު އޭޝިއާގެ މަލަމަތި ބަދަލުކޮށްލާނެ ފަދަ ބޮޑު، އީގަލްސް ހިލްސް މެދުވެރިކޮށް ހިންގުމަށް ތައްޔާރުވަމުންދާ 20 ބިލިއަން ޑޮލަރުގެ ރަސްމާލެ މަޝްރޫއަށް އެމްޑީޕީގެ ލީޑަރޝިޕުން ދަނީ އެންމެ ގަދައަށް ދެކޮޅު ހަދަމުންނެވެ. ނަމަވެސް، މިއީ ހަމައެކަނި ތިމާމެންގެ ވެރިކަމުގައި ނުކުރެވުނު ކަމަކަށް ވާތީ ކުރާ ހަސަދަވެރި ދެކޮޅުވެރިކަމެއްކަން އެމްޑީޕީގެ އާންމު މެންބަރުންނަށް މިއަދު ވަރަށް ސާފެވެ. ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމާއި، އިގުތިސާދީ ބޮޑު އިންގިލާބަކަށް ހުރަސްއަޅަން މަގުމައްޗަށް ނުކުންނާނެ ބަޔަކު މިއަދު އެ ޕާޓީގެ އެތެރެއަކު ވެސް ނެތެވެ.
ގައުމުގެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައެޅިގެން ހުރަސްއެޅުމުގެ ނަތީޖާ
އެމްޑީޕީން ބާއްވާ ކޮންމެ އެއްވުމެއް ފަޅުވެ، ވައިވަމުން ދިޔުމަކީ އިއްތިފާގެއް ނޫނެވެ. އެއީ އެތެރޭގެ ކޯޅުމާއި، އަމިއްލަ އެދުން އިސްކުރުމާއި، ގައުމުގެ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް ކަނޑައެޅިގެން ހުރަސްއެޅުމުގެ ނަތީޖާއެވެ. މިއަދު އެމްޑީޕީގެ ޖުމްލަ މެންބަރުންނަށް ވެސް ސާފުވާ ހަގީގަތަކީ، ހަރުދަނާ ލީޑަރޝިޕެއް، ގައުމީ ތަސައްވުރެއް އަދި އިތުބާރު ހިފޭ ސިޔާސަތެއް ނެތި ކުރިއަށް އޮތް 2028 ވަނަ އަހަރު ވެސް ވެރިކަމަށް އާދެވެން ނެތް ކަމެވެ. އިހުތިޖާޖުތަކުގެ ހުސް ގޮނޑިތަކުންނާއި މަގުމަތީގެ ފަޅުކަމުން ދައްކުވައިދެނީ، އުންމީދެއް ނެތް މި ބޯދާ ސިޔާސީ ފިކުރުން ދިވެހި ރައްޔިތުންނާއި އާންމު މެންބަރުން މިންޖުވެ، އިބުރަތް ހާސިލުކޮށްފި ކަމެވެ.






