-01-40bb8a38.jpg)

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫގައި ޢިމާރާތްކޮށްފައިވާ ބަނދަރުހިޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރަސްމީކޮށް މިރޭ ހުޅުއްވައިދެއްވައިފިއެވެ.
ރިނބުދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރިނބުދޫއަކީ ރަށުވަންތަކަމުގެ ރީތި އިޙްސާސާއި ސާފުތާހިރުކަމުގެ އިތުރުން ރައްޔިތުންގެ އެއްބައިވަންތަކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށާއި ރަށުގެ ރަށުވަންތަކަން ހިފެހެއްޓުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ރަށުގެ މުސްތަޤުބަލު އުޖާލާކުރުމަށް އެގޮތުގައި މަސައްކަތް ކުރިއަށްގެންދިއުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
އިންސާނުންގެ މެދުގައި ވިސްނުމާއި ޚިޔާލުތަފާތުވުންތައް ހުންނާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ބަނދަރުހިޔާތަކުގައި މަޑުކޮށްލައިގެން ތިބެ ދެކެވޭ ވާހަކަތަކުގެ ސަބަބުން ހިތްހަމަނުޖެހުންތަކާއި ނުތަނަވަސްކަން ފިލައި، އެކުވެރިކަމާއި ޢާއިލީ ގުޅުން ބަދަހިކުރުމަށް ފުރުޞަތު ފަހިވެގެންދާ ކަމަށެވެ. އެހެންކަމުން މިފަދަ އިޖުތިމާޢީ ކަންކަމަށް އިސްނަގައިގެން މަސައްކަތްކުރާ ކޮންމެ ކައުންސިލަކަށް ވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.

ރިނބުދޫ ބަނދަރުހިޔާ ހުޅުވުން، ފޮޓޯ: ރައީސް އޮފީސް
ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި ދުނިޔެއަށް މިއަދު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކެރިވަޑައިގެން ސާބިތުކަމާއެކު ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤަކަށް އުނިކަމެއް ނާންނާނެ ފަދައިން ސާފު ތަސައްވުރަކާއެކު ކަންކަން ކުރައްވަމުން ގެންދަވާ ވެރިއެއްކަން ހާމަވާ ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢުތައް ކުރިއަށްގެންގޮސްގެން މެނުވީ ޤައުމު އިތުރު ހަރުފަތަކަށް ވާސިލުނުވެވޭނެ ކަމަށާއި، ރަސްމާލެ މަޝްރޫޢަކީ ރައްޔިތުންގެ މުސްތަޤުބަލު އުޖާލާކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރިނބުދޫގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޢިމާރާތް ވެސް އެޅިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. ބަނދަރުހިޔާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ. އަދި ރަށުގެ ޒުވާނުންގެ ދަޢުވަތަކަށް ރިނބުދޫގެ ދެ ޓީމެއްގެ ދެމެދުގައި ކުޅެވުނު ޚާއްޞަ ފުޓްސަލް މެޗުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.