-01-40bb8a38.jpg)

ފާފަތަކާއި ނުބައި ޢަމަލުތަކުން ދުރުހެލިވުމަށާއި އިސްލާމްދީނުގެ ތަޢުލީމުތަކުގައި ސާބިތުވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއެޅުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
ޚުޠުބާގައި ދެއްކިވާހަކަ ތަކުގައި ބުނެފައި ވަނީ އިސްލާމްދީން އަކީ ހުރިހާ ބާވަތެއްގެ ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވާފައިވާ ދީނެއްކަމެވެ. އަދި ﷲ އަށް ތަޤުވާވެރިވުމަށާއި، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށާއި، އިސްލާމީ އުޞޫލުތަކާ ޚިލާފު ޢަމަލުތަކުން އެއްކިބާވުމަށް މުސްލިމުންނަށް ނަޞޭޙަތްތެރިވިއެވެ.
ކީރިތި ޤުރުއާނުގެ އާޔަތަކަށް ރިއާޔަތްކޮށް، ޒިނޭކުރުން ފަދަ ބޮޑެތި ފާފަތަކާއި، އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އެހެނިހެން ނުބައި ޢަމަލުތަކުގެ މައްޗަށް ޚުޠުބާގައި ވާހަކަދެއްކެވިއެވެ. މީގެއިތުރުން، މުޖުތަމަޢުގައި ފާޙިޝް ޢަމަލުތައް ފެތުރުމާ ދެކޮޅަށް އިންޒާރު ދެއްވައި، އެކަމުގެ ސަބަބުން ލިބޭނެ ޢުޤޫބާތްތައް އިސްލާމީ މަޞްދަރުތަކުން ބަޔާންކޮށްދެއްވިއެވެ.
އަދި ލޫޠުގެފާނުގެ ޤައުމުގެ ވާހަކަ ޚުޠުބާގައި ހަނދާންކޮށްދެއްވައި، އެ ޤައުމުގެ މީހުންނަށް ކުރިމަތިވި ޢަޛާބުގެ ވާހަކަ ބަޔާންކުރައްވައި، އެ މީހުންގެ ތާރީޚުން ޢިބްރަތް ޙާޞިލުކުރުމަށް މުޖުތަމަޢަށް ގޮވާލެއްވިއެވެ.
ޙަރާމް ގޮތްތަކުން ދުނިޔޭގެ އެދުންތައް ފަހަތުން ދިޔުމުގެ ބަދަލުގައި، ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތަށް އިސްކަންދީ، ތަޤުވާވެރިކަން އިޚްތިޔާރުކޮށް އާޚިރަތް ދުވަހަށް ތައްޔާރުވުމަށް ވެސް މުސްލިމުންނަށް އިލްތިމާސްކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް އެދި، ބަލިމީހުންނަށް އަވަސް ޝިފާއެއް ދެއްވުމަށާއި، ޤައުމުގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި އިޤްތިޞާދަށް ދެމެހެއްޓެނިވި ކުރިއެރުން މިންވަރުކުރެއްވުން އެދި ދުޢާކުރެއްވިއެވެ.





