-01-40bb8a38.jpg)

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ހުޅުދޫގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފިއެވެ.
މިއީ މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރައެވެ. މީގެ ކުރިން، އައްޑޫ ސިޓީ ހިތަދޫގައާއި ފުވައްމުލައް ސިޓީގައި މިއަހަރު ތެރޭ ވަނީ މިފްކޯގެ މަސްފިހާރަ ހުޅުވާފައެވެ. މީގެ އިތުރުން، މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން ދަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.
މިއީ ރާއްޖޭގެ އެކި ހިސާބުތަކުން މިފްކޯގެ އުފެއްދުންތައް ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހައިން ލިބޭނެ މަގު ފަހިކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކާމިޔާބެކެވެ.
ރޭ ހުޅުވި މިފްކޯގެ 8 ވަނަ މަސްފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އާއި މީދޫގެ މުއައްސަސާތަކުގެ ވެރިންނާއި، ދެރަށުގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
-fb81c45d.webp)


