-01-40bb8a38.jpg)

އަގުހެޔޮކޮށްސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާގެ މައްޗަށް 139 ދައުވާއެއް ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު، އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީސް (ޕީޖީ)އަށް ފޮނުވާފައިވަނީ މި އަހަރުގެ މާރިޗް މަހުގެ ތިންވަނަ ދުވަހެވެ.
އެ މައްސަލާގައި ދައުވާ ކުރަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ދ. ބަނޑިދޫ، ޕޯލާގްރޭސް، އަހްމަދު އާތިފް ހަސަންގެ މައްޗަށެވެ. ޕީޖީން ވިދާޅުވީ، އޭނާގެ މައްޗަށް ޓެކުމުގެ ކުށުގެ 139 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅަފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަނީ، އެ ކުންފުނީގެ ވެރިޔާގެ މަގާމުގައި ހުރެ، އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކުވައިގެން އެކި މީހުން އަތުން ފައިސާ ނަގައި، ސައިކަލު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްނުކޮށް އެ ފައިސާއިން އިތުރު ތަސައްރުފުކޮށް، ސައިކަލު ދީފައިނުވާތީއާއި ފައިސާވެސް އަނބުރާ ރައްދުކޮށްފައިނުވާތީ ކަމށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އަދި މި ދައުވާތަށް ސާބިތުވާ ހާލަތުގަލިމިޓެޑުއި އޭނާގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
އަދި މި ދައުވާތަކާ ގުޅިގެން ބަދަލުލިބޭ ވަކިވަކި މީހުންނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 ( ހަ މިލިއަން ދުއިސައްތަަ ފަންސާސްހާސް ހަތަރުސަތޭކަ ވިހި.ބާރަ) ރ. އޭނާގެ އަތުން ނަގައިދިނުމަށް އެދިފައިވާނެ ކަމަށްވެސް ޕީޖީން މައުލޫމާތުދެއެވެ.
ޕީޖީން ބުނިގޮތުގައި، މި ދައުވާތައް ހުށަހަޅާފައިވާނީ، ސައިކަލު ވިއްކުމަށް ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިގައި ވަކިން ކަމަށެވެ. އެހެންކަމުން މި ދައުވާތަށް ސާބިތުވާ ހާލަތުގައި 139 ދައުވާއަށް، ކޮންމެ ދައުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި މި މައްސަލާގައި ބަދަލުލިބޭ އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުގީގުކުރުމަށް ފުލުހަށް ލަފާދީފައިވާނެ ކަމަށްށާއި، އަދި އެ ބައިތަކުގެ ތަހުގީގު ނިމުމުން އެ ބައިތަކުގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ވަނީ ބުނެފައެވެ.





-3969fd4f.webp)
