-01-40bb8a38.jpg)

ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ދާއިރާތަކަށް މީގެ ތިން އަހަރު ކުރިން ބޮޑެތި ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފަ އެވެ. ގައުމުގެ އިގްތިސޯދުގެ މައިނާރު ކަމަށްވާ މަސްވެރިކަމުގެ ދާއިރާއާއި މަސްވެރިންނާ އެންމެ ބޮޑަށް ގުޅިފައިވާ ކުންފުނި، މިފްކޯގެ ހާލަތުވެސް އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. މިހާލަތުން އަރައިގަނެ މަސްވެރިންނަށް ހިތްހަމަޖެހުމެއް ލިބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އިގްތިސާދީ ހާލަތާއި މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
މަސްވެރިކަމުގެ ސިނާއަތުގެ ވިންދާ ގުޅިފައިވާ މިފްކޯއަކީ ޒަމާނުއްސުރެ ސިޔާސީ ވައުދުތަކުގެ މައި މަރުކަޒެކެވެ. ކޮންމެ ވެރިކަމެއް ބަދަލުވާއިރުވެސް، މިފްކޯއަށް މާލީ ތަނަވަސްކަން ހޯދައިދިނުމާއި، މަސްވެރިންނަށް ގަވާއިދުން ފައިސާ ދިނުމަކީ ޖެހިގެން އަންނަ ސަރުކާރަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެގޮތުން ކެނެރީގެ މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޕްރައިވެޓައިޒޭޝަން ނުވަތަ އަމިއްލަ ފަރާތްތަކަށް ވިޔަފާރިތައް ދޫކޮށްލުމުގެ ސިޔާސަތުގެ ދަށުން ކަމަށް ބުނެ އެޅި ފިޔަވަޅުތަކާ ގުޅިގެން މިފްކޯއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެގެން ދިޔަ އެވެ. މިފްކޯގެ އޭރުގެ އެސްޓްތަކާއި ރަށްތައް ކޭކެއްހެން ފޮތިފޮތިކޮށް ފަޅާލައި މިފްކޯގެ ކުޑަދަށުގެ ބޭރުން އިތުރު ކުންފުނިންތަކެއް ހަދައި މިފްކޯގެ ސައިޒު އިންތިހާއަށް ކުޑަކޮށްލި އެވެ.
ނަޝީދު ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކުން ހާމަވާ ގޮތުގައި، އޭރު މިފްކޯއާ ވަކިން އުފެއްދި ކުންފުނިތަކުގެ ސަބަބުން މިފްކޯއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހި، ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދިޔަ އެވެ. އަދި އޭރު އުފެއްދި ހުރިހާ ކުންފުންޏެއްގެ ދަރަނިތަކާވެސް ފަހުން މިފްކޯއިން ހަވާލުވާންޖެހި މިފްކޯގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ފެށުމަކަށް އޭރުގެ އެ ނިންމުންތައް ވެގެން ދިޔަ އެވެ.
އިބްރާހީމް މުޙައްމަދު ސާލިހް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ އެމްޑީޕީގެ ދެވަނަ ވެރިކަމުގައި މިފްކޯ އިން މަސް ގަންނަ އަގު ބޮޑުކޮށްލުމުންވެސް މިފްކޯއަށް މާލީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި އެވެ. ސޯލިހްގެ ވެރިކަމުގައި މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމެން ދަނިކޮށް އަދި މިފްކޯގެ ދަރަނިވެސް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. މަސް ގަންނަ އަގު ބޮޑުކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އެ އަގު އޭރު މިފްކޯއަށް ނުދެވޭނެކަމަށް އެތައް ބަޔަކު ސޯލިހަށް ލަފާދެނިކޮށް، އެކަމަށް ބީރުކަންފަތެއް ދިނުމަށްފަހު މަސް ގަންނަ އަގު ބޮޑުކުރީ ރިޔާސީ ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައެވެ.
ސޯލިހުގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ދައްކަންޖެހޭ 250 މިލިއަނާއި 300 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ނުދައްކާ އޮތުމުން އެ ހުރިހާ ދަރަނިތަކާ ހަވާލުވެ، އެ ދަރަނިތައް ޚަލާސްކުރަންޖެހުނީވެސް ރައީސް މުއިއްޒުގެ ސަރުކާރަށެވެ. މިފްކޯގެ ދަރަނިތައް އިތުރުވެ މަސްވެރިންނަށް މިލިއަނުން ދޭންޖެހޭ ފައިސާ ނުދީ ހުރުމުން، ރައީސް މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވީ މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށެވެ. މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އެޅުއްވި އަވަސް ފިޔަވަޅުތަކަށްފަހު މިފްކޯއަކީ ސަރުކާރުގެ ސީދާ ނުފޫޒުން އެއްކިބާވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގާ ކުންފުންޏަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެއްވިއެވެ. މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަމުން ސޯލިހް ވެރިކަމުގައި ނުދީ ހުރި ފައިސާތައްވެސް މިސަރުކާރުން ވަނީ މަސްވެރިންނަށް ދީ ޚަލާސްކޮށްފަ އެވެ. އަދި މަސްވެރިނަށް ހެޔޮ އަގުގައި ތެޔޮ ހޯދައިދިނުމަށް ތެލަށް ސަބްސިޑީވެސް ދޭން ފެށި އެވެ.
ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގަށް ބަދަލުތައް އަންނަމުން ދިޔަ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލެއް ހަމަޖައްސައި އެ އުސޫލު ތަންފީޒުކުރަން ފަށާފަ އެވެ. އަދި މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނުވާނެ ގޮތަކަށް ކުރިއަށް އޮތް ތަނުގައި ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ދީ މިފްކޯއިން ދަނީ އެ ޔަގީންކަން ދަމަހައްޓަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހު މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް އަދި އޮގަސްޓް މަހު 21 ރުފިޔާއަށް މަތިކުރުމަށްފަހު، މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ކަޅުބިލަމަސް ކިލޯއެއް މިފްކޯއަށް ގަންނަނީ 22 ރުފިޔާއަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފަލްސަފާއަކީ ދިވެހިންގެ ކުންފުނިތައް ވިއްކާނުލައި، އިގްތިސާދު ހަރުދަނާކޮށް، ދިވެހިންނަށް އިގްތިސާދީ މިނިވަންކަން ހޯދައިދިނުމެވެ. މިވެރިކަމުގައި އަޅަމުންދާ އިގްތިސާދީ ހަރުދަނާ ފިޔަވަޅުތަކާއެކު މަސްވެރިކަމާއި މިފްކޯއަށް ލިބެމުންދާ ބޮޑެތި ކުރިއެރުމުން އެނގި ހާމަވަނީ، ރައީސް މުއިއްޒުގެ ދުރުވިސްނުންފުޅާއި ލީޑަޝިޕްގެ ވަރުގަދަކެމެވެ.





