-01-40bb8a38.jpg)

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން (އައި.ޓީ.ޔޫ) ގެ ޕްލެނިޕޮޓެންޝަރީ ކޮންފަރެންސް ނިންމުމުގެ ގޮތުން އެކުލަވާލި ފައިނަލް އެކްޓްސްގައި ދިވެހިރާއްޖެއިން މިއަދު ސޮއިކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހި ވަފުދުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް ޢުމަރެވެ.
މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދޯހާގައި ކުރިއަށްދިޔަ މި ބައިނަލްއަޤްވާމީ ކޮންފަރެންސްގައި، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެކުލަވާލަންޖެހޭ މުހިންމު ސިޔާސަތުތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މިއަދު ސޮއިކުރި ފައިނަލް އެކްޓްސްގައި، ކޮންފަރެންސުން ފާސްކުރި ގަރާރުތަކާއި ނިންމުންތަކުގެ އިތުރުން، 2028 އިން 2031 އަށް އައި.ޓީ.ޔޫގެ އިސްތިރާޖީ އަދި މާލީ ޕްލޭންތަކާއި، އެ ޖަމުޢިއްޔާގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ހިމެނެއެވެ.
އައި.ޓީ.ޔޫގެ އެންމެ މަތީ ސިޔާސަތުތައް ކަނޑައަޅާ މި ކޮންފަރެންސްގައި ދުނިޔޭގެ 158 މެންބަރު ގައުމަކުން ވަނީ ފައިނަލް އެކްޓްސްގައި ސޮއިކޮށްފަ އެވެ. ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ފުޅާކުރުމަށް މި ކޮންފަރެންސްގައި މުހިންމު އިސްކަމެއް ދީފައިވެއެވެ.
މިފަދަ ބައިނަލްއަގްވާމީ މުހިންމު ނިންމުންތަކުގައި ރާއްޖެއިން ބައިވެރިވެ ސޮއިކުރުމަކީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެ، ފަންނީ އެހީތެރިކަމާއި ކުރިއެރުން ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.



