-01-40bb8a38.jpg)

ޕާޓީއަކަށް ވަނުމަކީ ބޯހިޔާވަހިކަން ލިބޭނެ ޝަރުތެއް ނޫން ކަމަށާއި ބޯހިޔާވަހި ކަމަކީ ސިޔާސީ ކަންކަމާ ގުޅުވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ހިމެނޭ އާއިލާއަކުން ބޯހިޔާވަހިކަމުގެ ދަތިކަން ހިއްސާކުރުމުން ދެއްވި ޖަވާބުގައެވެ.
މި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް މީހެއްގެ ސިޔާސީ ވިސްނުމަކަށް ނުވަތަ ޕާޓީއަކަށް ބެލުމެއްނެތި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ހަމަހަމަކަމާއެކު އެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށެވެ. އަދި އެންމެ ނިކަމެތި ހާލުގައި އުޅޭ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރުވެސް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވީހާވެސް ގިނަ ބަޔަކަށް މި ފުރުސަތު ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އިތުރު ރައްޔިތުންވެސް ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ޝަކުވާތައް ރައީސަށް ހުށަހަޅާފައެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ރިސްކު އެލަވަންސް ނުލިބޭ މައްސަލަ މުދައްރިސަކު ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ރައްޔިތުން ހުށަހެޅި މި ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި، އެ ކަންކަން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.