-01-40bb8a38.jpg)

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލު) ގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް، މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ބައްލަވާލައްވައިފިއެވެ.
މާލޭގެ 381 ނަންބަރު ކޮށީގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މި ސްކޫލުގެ ސައިޓަށް ވަޒީރު ކުރެއްވި ޒިޔާރަތުގައި، އިމާރާތުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައި މަޝްރޫއުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ އަމާޒަކީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިންމައި، ދަރިވަރުންނަށް ދާއިމީ އަދި ރައްކާތެރި މާހައުލެއް ވީހާވެސް އަވަހަކަށް ފަހިކޮށްދިނުމެވެ.
އަރަބިއްޔާ ސްކޫލު ކުރިން ހިންގި އިމާރާތުގައި ރެނދުލައި ނުރައްކާތެރި ހާލަތަކަށް ދިއުމާ ގުޅިގެން، ފާއިތުވި އަހަރުތަކުގައި އެ ސްކޫލުގެ ދަރިވަރުން ކިޔަވަމުން އައީ ވަގުތީ އިމާރާތެއްގައެވެ. އެހެންކަމުން، ޖާގައިގެ ގޮތުން ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރާ މި އައު އިމާރާތާއެކު، ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ތައުލީމީ ވުޒާރާއިން ދެކޭ ގޮތުގައި، މި މަޝްރޫއު ނިމުމުން، އިސްލާމީ ތައުލީމާއި އަރަބި ބަހުގެ ދާއިރާއިން ދަރިވަރުން ބިނާކުރުމަށް އަރަބިއްޔާ ސްކޫލުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބި، އުނގެނުމުގެ މާޙައުލު އިތުރަށް ހަރުދަނާވެގެންދާނެ އެވެ.