-01-40bb8a38.jpg)

ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީއިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް އިތުރު ހަތް އަތޮޅަކަށް ފުޅާކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރު، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ސަޢުދީ ވިދާޅުވީ، އަލަށް ޚިދުމަތް ދޭން ފެށުނު ސަރަޙައްދުތަކުގައި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން، އާއްމު ދަތުރުފަތުރުގެ ޚިދުމަތްތައް، ޚާއްޞަކޮށް އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް، ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައި އިތުރަށް ހަރުދަނާކުރުމަށް އެމްޓީސީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އަހަރުގެ އެޕްރީލް މަހު ގާތްގަނޑަކަށް 150 ޓެކްސީގެ ފްލީޓަކާއެކު އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ޚިދުމަތް ތަޢާރަފުކުރި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ގްރޭޓަރ މާލެ ސަރަޙައްދުގައި، ޚާއްޞަކޮށް މާލެއާއި ހުޅުމާލޭގައި އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުން މުހިއްމު ކަމުގައި ސަޢުދީ ވިދާޅުވިއެވެ. އަދި ވިލިމާލެ ބްރިޖު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކަމާ ގުޅިގެން ދަތުރުފަތުރުގެ ޚިދުމަތްތަކަށް އަންނާނެ ޑިމާންޑަށް ބޭނުންވާ ތައްޔާރީތަކާއި ޕްލޭންތައް އެމްޓީސީސީން ހަދަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް، އާރުޓީއެލް ގެ ޚިދުމަތް ފުޅާކުރުމަކީ އެ ކުންފުނީގެ އެއްމެ އިސް އަމާޒު ކަމަށް ސަޢުދީ ވިދާޅުވިއެވެ.



