-01-40bb8a38.jpg)

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ބިސްބުރު ސްޕޯޓްސް ކުލަބު 1-4 އިން ބަލިކޮށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗަކީ މި ސީޒަނުގައި ނިއުއިން ހޯދި ހަތަރުވަނަ މޮޅެވެ.
ފޯރިގަދަ ކުޅުމަކާއެކު ފެށުނު މި މެޗުގެ 9 ވަނަ މިނެޓުގައި ނިއުއަށް ލީޑު ނަގައިދިނީ ގިލެރްމޯ ޑަސިލްވާގެ އެހީތެރިކަމާއެކު އަބްދުﷲ ޔާޔާ ބިލިޓީއެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ބިސްބުރުގެ މަޖްދާން ޞާލިޙް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގައި ނިއުއަށް އަލުން ކުރިހޯދައިދީ، ތަފާތު ދެއްކީ ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ގޮމޭޒް (ޑޯރީ) އެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި އިތުރު ދެ ލަނޑު ޖަހައި ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލީ އަޝްފާޤް (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން ޑޯރީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މޮޅާއެކު ނިއުރޭޑިއަންޓް ތިންވަނައިގައި އޮތީ ކުޅުނު 7 މެޗުން 14 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ބިސްބުރު 8 މެޗުން ލިބުނު 12 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
-1f81c5e8.jpg)
-a49765ff.png)


