-01-40bb8a38.jpg)

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދޯހާގައި ބާއްވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތް (ވިޝް 8) ގެ އަށްވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ޤަޠަރަށް ފުރާވަޑައިގެންފިއެވެ.
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕަރސަން، ޝެއިޚާ މޯޒާ ބިންތު ނާޞިރުގެ ރަސްމީ ދަޢުވަތަކަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ "ގްލޯބަލް ހެލްތް ބިޔޯންޑް 2030: އިމަރޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" ގެ ނަމުގައި ބާއްވާ މަތީ ފަންތީގެ ރައުންޑްޓޭބަލް މަޝްވަރާ ބައްދަލުވުމުގައި އެކަމަނާ ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އެކި ޤައުމުތަކުގެ އިއްޒަތްތެރިންނާ ވެސް އެކަމަނާ ބައްދަލުކުރައްވާނެއެވެ.
ޤަޠަރު ފައުންޑޭޝަނުން އިންތިޒާމުކުރާ ވިޝް ސަމިޓަކީ، ދުނިޔޭގެ ޞިއްޙީ ދާއިރާގެ މުހިންމު މައްސަލަތަކަށް ޙައްލު ހޯދުމަށާއި ޢަމަލީ ސިޔާސަތުތައް އެކުލަވާލުމަށް މަސައްކަތްކުރާ މަންސައެކެވެ. މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އައު އީޖާދުތައް ގެންނަ ފަރާތްތަކުގެ އިތުރުން އެކަޑެމިކް ދާއިރާގެ ބޭފުޅުންނާއި ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ.






