-01-40bb8a38.jpg)

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި، ފަހަތުން އަރައި 1-3 އިން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ބުރު ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޓީސީއަށް ކުރިހޯދައިދިނީ ބިދޭސީ ފޯވާޑް މަހްމޫދު އަޝްރަފެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޝަމްވީލް މުޙައްމަދު ވަނީ ބުރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި އަލުން ލީޑު ނަގަން ޓީސީގެ މަހްމޫދަށް ލިބުނު ޕެނަލްޓީ ބުރުގެ ކީޕަރު ޝައިހާން ދިފާއުކުރިއިރު، އޭގެ ތިން މިނެޓު ފަހުން 29 ވަނަ މިނެޓުގައި އަބްދުﷲ ޔާމީން ވަނީ ބުރަށް ލީޑު ނަގައިދީފައެވެ. އަދި ހާފު ނިމެން ދަނިކޮށް 43 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ލަނޑު ޖެހީ އަރީން އަބްދުﷲ އިބްރާހީމެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ފިޒިކަލް ކުޅުމެއް ދެއްކިއިރު، މެޗުގެ ފަހުކޮޅު ބުރުގެ ކެޕްޓަން އަލީ ހަމްދާނަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. މި މޮޅާއެކު ބުރުން ވަނީ ކުޅުނު 7 މެޗުން 9 ޕޮއިންޓް ހޯދައި ތާވަލުގެ ހަތްވަނައިގައި ހަމަޖެހިލައިފައެވެ. 8 މެޗުން 6 ޕޮއިންޓާއެކު ޓީސީ އޮތީ އަށްވަނައިގައެވެ.
ކުރިއަށް އޮތް މެޗުގައި އަންނަ މަހުގެ 5 ވަނަ ދުވަހު ޓީސީ ނުކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. އަދި 6 ވަނަ ދުވަހު ބުރު ބައްދަލުކުރާނީ ވިކްޓްރީއާއެވެ.