-01-40bb8a38.jpg)
-e6c7bbdd.jpg)
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި، ގދ. މަޑަވެލީގެ 145 ރައްޔިތެއްގެ ނަން އެ މީހުންނަށް އެނގުމަކާ ނުލައި ތިނަދޫ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށް ބުނެ މަޑަވެލީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބެން އޮންނަ 10،000 މީހުންގެ އާބާދީ ހަމަކުރުމަށް ތިނަދޫން އަމަލުކޮށްފައިވަނީ އޮޅުވާލައިގެން ކަމަށެވެ. މަޑަވެލީ ކައުންސިލުން ފާހަގަކުރި ގޮތުގައި، އޮޅުވާލައިގެން ތިނަދޫ ރަޖިސްޓްރީއަށް ބަދަލުކޮށްފައިވާ މަޑަވެލީގެ 145 މީހުންގެ ތެރޭގައި އެ ރަށުގައި ދިރިއުޅޭ މީހުންނާއި، ރަށުން ބޭރުގައި އުޅޭ މީހުންގެ އިތުރުން ނިޔާވެފައިވާ މީހުންގެ ނަންތައް ވެސް ހިމެނެ އެވެ. މިއީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކަށް އޮޅުވާލައިގެން ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި އެ ކައުންސިލުން ވަނީ ސިފަކޮށްފަ އެވެ.
މި މައްސަލައިގައި ތިނަދޫ ސިޓީ ކައުންސިލްގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން މަޑަވެލީ ކައުންސިލުން ވަނީ، އެ 145 މީހުންގެ ނަންތައް ވަގުތުން ތިނަދޫ ރަޖިސްޓްރީން އުނިކޮށް، އަލުން މަޑަވެލީގެ ރަޖިސްޓްރީގައި ހިމަނައިދިނުމަށް ގޮވާލާފަ އެވެ. އަދި މިކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
މަޑަވެލީ ކައުންސިލުން މި ތުހުމަތުތައް ކޮށްފައިވާއިރު، 2023 ވަނަ އަހަރު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދަން އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ކުރިއަށެވެ. އެ ދައުވާގައި ބުނާ ގޮތުން ވެސް 10،000 މީހުން ހަމަވާކަން ދެއްކުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގެ މީހުންގެ ނަންތަކާއި، އެއް ނަމެއް ތަކުރާރުކޮށް ހިމަނާފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މޭޔަރު ސައުދުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި، އެ ލިސްޓު ފޮނުވިކަން ރެކޯޑް ކުރެވިފައި ނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އުފުލާފައިވާ ދައުވާ އެވެ.






