-01-40bb8a38.jpg)

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން 2026 ވަނަ އަހަރުގެ ތެރޭގައި 10 ވިޔަފާރި އިވެންޓެއްގެ ތެރެއިން 280 އަށް ވުރެ ގިނަ ފަރާތަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީފައި ވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ބުނެފި އެވެ.
މި ހަރަކާތްތަކަކީ ދިވެހި ވިޔަފާރިވެރިންނަށް މާކެޓަށްވަނުމުގެ ފުރުސަތުތައް ފުޅާކޮށްދިނުމަށާއި، ދިވެހި އުފެއްދުންތަކަށް ލިބޭ ކަސްޓަމަރުންގެ އަދަދު އިތުރުކުރުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ.
މި ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވެފައިވަނީ "ސައްބީސް ކާނިވަލް 2026" ގައެވެ. އެ ހަރަކާތުގައި 93 ބައިވެރިން ބައިވެރިވެފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ބައިވެރިވެފައިވަނީ "އިންޓަނޭޝަނަލް ޔޫތު ޑޭ 2026" ގައެވެ. އެއީ 54 ބައިވެރިންނެވެ.
މީގެ އިތުރުން "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ގައި 32 ފަރާތް ބައިވެރިވެފައިވާއިރު، "އެމްއެސްއެމްއީ ފެސްޓް 2026" ގައި 31 ފަރާތުން ބައިވެރިވިއެވެ. އަދި "ޑާކާ ވީ ހާޑް ޔޫ މިއުޒިކް ފެސްޓިވަލް" ގައި 8 ފަރާތަކުން ބައިވެރިވެފައިވެއެވެ.
ރާއްޖޭގެ މާކެޓުގައި ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން، ބީސީސީން ވަނީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަމްސީލުވުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ. އެގޮތުން "ޗައިނާ ސައުތު އޭޝިއާ އެކްސްޕޯ" ގައި ދިވެހި 42 ސަޕްލަޔަރުން ވަނީ ދިވެހި އުފެއްދުންތައް ދައްކާލާފަ އެވެ.
މި މަސައްކަތަކީ ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތައް އިތުރުކުރުމަށާއި، ދިވެހި އުފެއްދުންތައް އިޝްތިހާރުކުރުމުގެ އިތުރުން، އެތެރޭގެ މާކެޓުގެ ބޭރަށް ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.






