-01-40bb8a38.jpg)

ގެސްޓްހައުސްތަކާއި ސަފާރީ (ލިވަބޯޑު) ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިން ފެސިލިޓީތަކުގެ އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ގެސްޓްހައުސް ފައިނޭންސިން ސްކީމަށް ގެނެވުނު ބަދަލުތަކުގެ ދަށުން، ކަސްޓަމަރުގެ އަތުން ލާންޖެހޭ އިކުއިޓީ ވަނީ 30 އިންސައްތައިން 20 އިންސައްތައަށް ދަށްކޮށްފައި ކަމަށް ބީއެމްއެލް އިން މައުލޫމާތުދެ އެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ލިބޭ އެންމެ ދިގު މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައިވާއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެ އަހަރާ ހަމައަށް ލިބޭނެކަން ވެސް ވަނީ ބުނެފަ އެވެ.
ސަފާރީ ފައިނޭންސިންއަށް ބަލާއިރު، ބޭންކުން ވަނީ އިކުއިޓީގެ މިންވަރު 30 އިންސައްތައިން 25 އިންސައްތައަށް ދަށްކޮށް، ފައިސާ އަނބުރާ ދެއްކުމުގެ އެންމެ ދިގު މުއްދަތު ހަތް އަހަރުން 12 އަހަރަށް އިތުރުކޮށްފައެވެ. އަދި ގްރޭސް ޕީރިއަޑް ވަނީ އެއް އަހަރުން ދެ އަހަރަށް އިތުރުކޮށްފައެވެ.
މީގެ އިތުރުން މި ދެ ފެސިލިޓީއަށް ވެސް ހާއްސަ ލުއި އިންޓްރެސްޓް ރޭޓްތަކެއް ބޭންކުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގެސްޓްހައުސް ފައިނޭންސިންގައި، ދިވެހި ރުފިޔާއިން ފައިސާ ދޫކޮށް އެމެރިކާ ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އިންޓްރެސްޓް ރޭޓަކީ ހަތެއް އިންސައްތައެވެ. އަދި ރުފިޔާ އާއި އެމެރިކާ ޑޮލަރު އެއްވަރަކަށް ހިމަނައިގެން ދޫކުރާ ފައިނޭންސިންގެ ރޭޓަކީ ނުވައެއް އިންސައްތައެވެ.
ސަފާރީ ފައިނޭންސިންގައި މިފަދައިން ކަނޑައަޅާފައިވާ ހާއްސަ ރޭޓުތަކަކީ އަށެއް އިންސައްތަ އަދި 10 އިންސައްތައެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ މަޝްރޫއުތަކަށް ކަސްޓަމަރުން މިހާތަނަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް އަގުކުރުމާއި ކަށަވަރުކުރުމަށްފަހު، އެ އިންވެސްޓްމަންޓްތައް ބޭންކުން ބަލައިގަންނަ އިކުއިޓީގެ ގޮތުގައި ހިމެނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ފައިނޭންސިން އުސޫލުތަކަށް ގެނައި މި ބަދަލުތަކުގެ މަގުސަދަކީ، އިންވެސްޓްކުރަން އެދޭ ފަރާތްތަކަށް ކުރިމަތިވާ މާލީ ބުރަ ކުޑަކޮށްދިނުމާއި، ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ފެށުމަށާއި ފުޅާކުރުމަށް ދިވެހިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށްވެސ ބީއެމްއެލް ވަނީ ބަޔާން ކޮށްފައެވެ.






