-01-40bb8a38.jpg)

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ) ގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިންމާލައި، ސޮއިކުރުމުގެ މަރުޙަލާއާ ހަމައަށް ވާސިލުވެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ޤައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވަނީ ފަންނީ އަދި އިޤްތިޞާދީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް ތައްޔާރުވަމުންދާ މި މުއާހަދާގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. މީގެއިތުރުން، ވިޔަފާރީގެ ތެރޭގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގެ ނިޒާމު ލުއިފަސޭހަކޮށް، ރާއްޖެއަށް ދިގު މުއްދަތަކަށް ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިކުރުން މި އެއްބަސްވުމުގައި ހިމެނެއެވެ. މި މުއާހަދާގެ މަޝްވަރާތައް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ދެކެވުނު ވާހަކަތަކަށް ފަހުގައެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ޤައުމު ކަމަށެވެ. އެހެންކަމުން އެ ޤައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ޤާއިމުކުރުމުގެ މަޝްވަރާތައް ބާރަށް ކުރިއަށްދާއިރު، އިންވެސްޓްމަންޓް ޓްރީޓީގެ ވާހަކަތައް މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ބައިލެޓްރަލް އިންވެސްޓްމެންޓް ޓްރީޓީއެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރެވުނު. މިހާރު އެ ޓްރީޓީގެ އެންމެ ފައިނަލް ސްޓޭޖުގައި ނެގޯސިއޭޝަންސްތައް ނިމި ލީގަލް ވެޓިންގައި މިހާރު މިއުޅެނީ. މާނައަކީ، ޤާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި ނިންމާފައި ސޮއިކުރުމުގެ މަރުހަލާއަށް ދެވިފައި މިއޮތީ އަޅުގަނޑުމެންގެ މި ޓްރީޓީގައިވެސް،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަޝްވަރާތަކުގެ ދެވަނަ ބުރު މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ.
ރާއްޖެއިން އަންނަނީ ދުނިޔޭގެ އެކި ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމުގެ އެއްބަސްވުންތައް ޤާއިމުކުރަމުންނެވެ. އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އިންވެސްޓްމަންޓް ޕްރޮޓެކްޝަން އެންޑް ޕްރޮމޯޝަން އެގްރީމަންޓެއްގައި ސޮއިކޮށްފައިވާއިރު، ސިންގަޕޫރާއެކުވެސް މިފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
މީގެއިތުރުން، ދިވެހި ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރު ޢަމަލުކުރަން ފަށާފައިވާއިރު، ތުރުކީވިލާތާއެކު ސޮއިކުރެވުނު ވަކި ބާވަތްތަކެއްގެ މުދަލުން ޑިއުޓީ މަޢާފުކުރުމުގެ ޕްރެފަރެންޝަލް ޓްރޭޑް އެއްބަސްވުމަށްވެސް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.






