-01-40bb8a38.jpg)

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ މެޑިކަލް ގެސްޓްރޯއެންޓްރޮލޮޖީ އެންޑް އެންޑޮސްކޮޕީ ޔުނިޓާއި، ސާޖަރީ އަދި އެނެސްތީސިއާ ޓީމު ގުޅިގެން ކުއްލި ހާލަތެއްގައި ހެދި އެންޑޮސްކޮޕިކް ރެޓްރޯގްރޭޑް ކޮލެންޖިއޯޕެންކްރިއޭޓޯގްރަފީ (އީއާރުސީޕީ) ޕްރޮސީޖަރެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
މިއީ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ދިވެހި ޑޮކްޓަރުންގެ ޓީމަކުން މި ޕްރޮސީޖަރ ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮސީޖަރ ހަދާފައިވަނީ ކޮލެންޖައިޓިސްގެ ހާލަތު މެދުވެރިވެފައިވާ، ކޮލެޑޮކޮލިތިއޭސިސް (ޕިއްތަ ހޮޅީގައި ހިލައުފެދުން) ޖެހިފައިވާ ބަލިމީހަކަށެވެ. އެގޮތުން ހެދި ޕްރޮސީޖަރގެ ތެރޭގައި އެންޑޮސްކޮޕިކް ސްފިންކްޓަރޮޓޮމީ ހެދުމާއި، ބިލިއަރީ ސްޓެންޓިންގ އެޅުވުން ހިމެނެއެވެ.
މި ކާމިޔާބީއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ތާރީޚީ ކުރިއެރުމެއްގެ ގޮތުގައި ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން، މިފަދަ ކާމިޔާބީތަކުން ދައްކުވައިދެނީ ރާއްޖޭގެ ސްޕެޝަލިސްޓުންގެ ފަންނީ ގާބިލުކަން އިތުރުވަމުންދާ މިންވަރާއި، އެކި ދާއިރާތަކުގެ ޑޮކްޓަރުން ގުޅިގެން މަސައްކަތްކުރުމުގެ ނަތީޖާގެ ފުރިހަމަކަން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިފަދަ ޚާއްސަ ފަރުވާތައް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ، މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އައިޖީއެމްއެޗުން ވަނީ މި ކާމިޔާބީ ހާސިލުކުރުމުގައި ބައިވެރިވި ހުރިހާ ޓީމުތަކަށާއި މުވައްޒަފުންނަށް މަރުހަބާ ކިޔައި ޝުކުރު އަދާކޮށްފައެވެ.




