-01-40bb8a38.jpg)

ޞިއްޙީ ދާއިރާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމަކީ، ވަކިން ޚާއްޞަ ގޮތެއްގައި ކުދި ޖަޒީރާ ޤައުމުތަކަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ މިހާރަށްވުރެ ހަމަހަމަކަމާއި، ޔަޤީންކަން އޮތް އަދި ދެމެހެއްޓެނިވި ކަމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.
އެކަމަނާ މިފަދައިން ގޮވާލެއްވީ ޤަޠަރުގެ ދޯޙާގައި ކުރިއަށްދާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޯ ހެލްތުގެ އަށްވަނަ ބައްދަލުވުން (ވިޝް 8)ގެ ފުރަތަމަ ދުވަހު ބޭއްވި "ހައި-ލެވެލް ރައުންޑްޓޭބަލް އޮން އިމަޖިން ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވާސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ (ސިޑްސް) ޤައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ގައިންގަޔަށް ނާރާ ބަލިތަކާއި، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމާއި، ޞިއްޙީ ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކާއި، އަލަށް އުފެދެމުންދާ ޞިއްޙީ ނުރައްކާތައް ފަދަ، ގުޅިލާމެހިފައިވާ ގޮންޖެހުންތައް، އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކުގެ އަސަރު، މިހާރުވެސް ކުދި ޖަޒީރާ ގައުމުތަކަށް ކުރަމުންދާކަން ފާހަގަކުރައްވައި، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، ސާފު ބޯފެނާއި ކާބޯތަކެތީގެ ކަށަވަރުކަމަށް ނުރައްކާވެފައިވާކަމަށް މެޑަމް ސާޖިދާ ވިދާޅުވި އެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ޞިއްޙީ ނިޒާމުތަކަށް ބުރަބޮޑުވަމުންދާކަމާއި، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމާއެކު ދިގު މުއްދަތުގެ ފަރުވާއަށް އައު މޮޑެލްތަކެއް ބޭނުންވާކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެއަކީ ކިތަންމެ ދުރުގައި އޮތް ޤައުމެއް ކަމުގައިވިޔަސް، އަލަށް އުފެދޭ ގައިންގަޔަށް އަރާ ބަލިތަކާއި، ބޭހަށް ބަލި ފަސޭހަނުވާ ހާލަތަށްދިއުމާއި، އިންސާނީ ކާރިސާތައް ފަދަ، ދުނިޔޭގެ ޞިއްޙީ ނުރައްކާތަކުން ސަލާމަތް ނުވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ވިދާޅުވީ ޞިއްޙީ ޚިދުމަތް ފުޅާކުރުމުގައާއި ޢާންމު ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެކަމަކު ޖިއޮގްރަފީގޮތުން ވަކިވަކިން އުފެދިފައިވާ ރަށްރަށަށް ހަމަހަމަ ގޮތެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަކީ އަދިވެސް ބޮޑު ގޮންޖެހުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ. ޞިއްޙީ ނިޒާމެއްގެ ޙަޤީޤީ ފެންވަރު ވަޒަންކުރެވޭނީ، އެންމެ ދުރުގައި ދިރިއުޅޭ މުޖުތަމަޢުތަކަށްވެސް އެއް ފެންވަރެއްގެ ފަރުވާ ފޯރުކޮށްދިނުމުގެ ޤާބިލުކަން އޮތް މިންވަރަކުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ޖިއޮގްރަފިކް ހުރަސްތައް ނައްތާލުމަށްޓަކައި ލާމަރުކަޒީ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށާއި، އަސާސީ ޞިއްޙީ ޚިދުމަތްތައް ވަރުގަދަކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
2030 ވަނަ އަހަރުގެ ފަހަށް ވިސްނާއިރު، އިސްކަންދޭންޖެހޭ މައިގަނޑު ތިން ކަމެއް އެކަމަނާ ފާހަގަކުރެއްވި އެވެ. އެގޮތުން، ކުދި އާބާދީތަކަށްވެސް ބޮޑެތި ޞިއްޙީ ބުރަތަކާ ކުރިމަތިލާންޖެހޭކަން ޤަބޫލުކޮށް، ދުނިޔޭގެ ފެންވަރުގައި ޞިއްޙީ ދާއިރާއިން އިސްކަންދޭ ކަންކަން ކަނޑައަޅަންވާނީ އާބާދީގެ ބޮޑުމިނަށް ނުވަތަ ޤައުމީ އާމްދަނީއަށް ބަލައިގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެކަން ކުރަންވީ ނާޒުކު ކަމަށް ބަލައިގެން ކަމުގައި ވިދާޅުވި އެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ޤައުމީ ސަލާމަތާއި، އިޤްތިޞާދީ ހަމަޖެހުމާއި، އިންސާނީ ދިރިހުރުމަށްޓަކައި، ވިލުންތެރި ޞިއްޙީ ނިޒާމުތަކަށް ވުނަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ހަމަހަމަކަމާއި، ޔަޤީންކަން އޮތް އަދި ދެމެހެއްޓެނިވި ޞިއްޙީ މާލީ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ ބާރުއެޅުއްވި އެވެ.
މީގެ އިތުރުން، ބަލިތަކުން ރައްކާތެރިވުމާއި، ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ ފަންނީ ކުރިއެރުމާއި، މެޑިކަލް ޓެކްނޮލޮޖީއާއި، ދިރާސާކުރުމާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވުމުގެ ދާއިރާތަކުން ގުޅިގެން މަސައްކަތްކޮށް، ބައިނަލްއަޤްވާމީ ވަޢުދުތައް ޢަމަލީ ނަތީޖާއަށް ބަދަލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.
ޑަބްލިޔުއެޗްއޯ އަކީ ސައިންސާއި، ހަމަހަމަކަމާއި، އެންމެ ނާޒުކު ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދޭ، އިތުބާރުހުރި، ހަރުދަނާ އަދި އެންމެން ޝާމިލުވާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ. އަދި އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ޙިއްޞާކުރުމާއި، ބައިނަލްއަޤްވާމީ ވަޢުދުތައް ޙަޤީޤީ ކުރިއެރުންތަކަކަށް ބަދަލުކުރާނެ ބައިވެރިންތަކެއް އުފެއްދުމުގައި މެދުފަންތީގެ ބާރުތަކަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ޞިއްޙީ ދާއިރާގެ މުސްތަޤްބަލު ބައްޓަންކުރަންވާނީ ހަމައެކަނި އެންމެ ބޮޑެތި ޤައުމުތަކުން ނޫންކަމަށާއި، އެންމެ ކުދި އަދި އެންމެ ނާޒުކު ޤައުމުތަކުގެ ޙަޤީޤީ ތަޖުރިބާތަކަށްވެސް ރިޢާޔަތްކޮށްގެންކަމުގައެވެ. ކުދި ޖަޒީރާ ޤައުމުތަކަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ، މާދަމާ، މުޅި ދުނިޔެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޖިއޮގްރަފީ ގޮތުން ޤައުމެއް އޮންނަ ތަނެއްގެ ސަބަބުން ފުރުޞަތުތައް ކަނޑަނޭޅޭ، ނާޒުކުކަމުގެ ސަބަބުން ބާކީނުވާ، އަދި އެއްވެސް މުޖުތަމަޢަކަށް ޞިއްޙީ ފަރުވާ ނުލިބި ނުދާނެ ފަދަ ބައިނަލްއަޤްވާމީ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ.




