-01-40bb8a38.jpg)

ލާމަރުކަޒީ ނިޒާމަށް 14 އަހަރު ވެފައިވާއިރު މިހާތަނަށް 10 އިސްލާހެއް، އެ ޤާނޫނަށް ވަނީ ގެނެވިފައެވެ.
ނަމަވެސް މި އިސްލާހުތަކަކީ އެންމެ ބޭނުންތެރި އަދި އޭގެ ފައިދާ ރައްޔިތުންނަށް ކުރާ އިސްލާހުތަކެއްތޯ ބެލުމަކީ މުހިންމުކަމެއް ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން ދެކި އެކަމަށް ވަރަށް ބޮޑު އިސްކަމެއް އަންނަނީ ދެމުންނެވެ.
ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް އެންމެ އިސްކަމެއް ދިނީ މާލީ ޤާބިލްކަން ކައުންސިލްތަކަށް ހޯދައި ދިނުމަށެވެ.
އެގޮތުން ކޮންމެ ކައުންސިލަކަށްވެސް އެ ކައުންސިލެއްގެ އިޙްތިޞާސް ތެރެއިން ނުވަތަ އެހެން ސަރަހައްދަކުންވެސް ފަޅު ރަށެއް ލިބޭނެ އިންތިޒާމު ހަމަޖެއްސިއެވެ. އަދި މި ރަށްތަކުގައި އިޤްތިޞާދީ މަސައްކަތެއްކޮށް އާމްދަނީ ލިބޭނެ މަގު ސަރުކާރުން ފަހިކޮށްދީފައިވެއެވެ.
މިއާއެކު ކައުންސިލްތަކުގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ޢުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވިއެވެ. ސަރުކާރުން ކައުންސިލްތަކުގެ ހާލަތު ބެލުމަށް ކުރެއްވި ޒިޔާރަތުގައި ރާއްޖޭގެ 102 ކައުންސިލަކަށް ވަގުތުން ވަގުތަށްވެސް އައު އިމާރާތެއް ބޭނުންވެފައިވާކަން ފާހަގަވިއެވެ. އެއާއެކު އިތުރު 50 ކައުންސިލް އިމާރާތް އެޅުމަށް ޗައިނާ ސަރުކާރުގެ އެހީ ހޯދުމަށް ވަނީ ނިންމާފައެވެ.
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތީ، ނިޒާމުގެ ދެކޮޅުވެސް އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވުމަށް ފަހުއެވެ. ހައުސިންގް މިނިސްޓަރުގެ މަޤާމުގައި، 7 އަހަރު ދުވަހު ސަރުކާރުގެ ފަޅިން ނިޒާމު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ފެނިވަޑައިގަތެވެ. އަދި މާލޭގެ މޭޔަރު ކަމުގައި ނިޒާމީ ގޮތުން އިދާރީ ދާއިރާތަކަށް ހުރި ގޮންޖެހުންތައް ތަޖުރިބާ ކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި، ރައްޔިތުންގެ ޚިޔާލު ހިމަނައި، ކައުންސިލްތައް ބާރުވެރި ކުރުވުމަށް މެނިފެސްޓޯގައި ހިމަނުއްވައި ކައުންސިލްތަކާއި ރައްޔިތުން ގުޅުވައި ދިނުމަށް ޚާއްސަ ވުޒާރާއެއް އުފެއްދެވިއެވެ. އެ ވުޒާރާގެ މަސައްކަތަކަށްވީ ކައުންސިލްތަކުގެ ހިންގުމުގެ ތެރެއަށް ނުވަދެ، ސަރުކާރާއި ކައުންސިލްތަކާއި ދެމެދު ހީނަރުވެފައިވާ ގުޅުން ރަނގަޅުކޮށް ކައުންސިލްތަކަށް ބޭނުންވާ ކަންކަން ސަރުކާރުގެ ތެރެއިން ފަހިކޮށްދިނުމެވެ.






