-01-40bb8a38.jpg)

ފުލުހުންގެ ހުއްދައާ ނުލައި މާލޭގައި އެއްވެ އުޅެވޭނެ ތަންތަން އިތުރުކޮށް. ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ލުއިތަކެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން ދީފިއެވެ.
2013 ވަނަ އަހަރު ފާސްކުރި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް 2016 ވަނަ އަހަރުގެ އޮގަސްޓު މަހު ގެނައި ފުރަތަމަ އިސްލާޙުގެ ދަށުން، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ތަންތަނުގައެވެ.
އެގޮތުން އެ ޤާނޫނުގެ ދަށުން، ފުލުހުންގެ ހުއްދަ ނުހޯދައި މާލޭގައި މިހާތަނަށް އެއްވެ އުޅުމުގެ ފުރުސަތު ދީފައިވަނީ ހެންވޭރު ކާނިވާ ސަރަހައްދުން އެކަންޏެވެ.
އެހެން ނަމަވެސް މިއަދު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން ކުރި އިއުލާނުގައިވާ ގޮތުން، ފުލުހުންގެ ހުއްދަ ނުހޯދައި މާލޭގައި އެއްވެ އުޅެވޭނެ އިތުރު ތިން ސަރަޙައްދެއް މިހާރު ވަނީ ހިމަނާފާއެވެ. އެއީ ރަސްފަންނު ސަރަޙައްދު، އިންޑަސްޓްރިއަލް ޒޯން ސަރަޙައްދު އަދި އުސްފަސްގަނޑު ސަރަޙައްދެވެ.





