-01-40bb8a38.jpg)

ރާއްޖޭގެ ހުރިހާ އަތޮޅުތަކުން އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގައި ފެށޭނެ ކަަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އައިޑީކާޑު ހެދުމަށް އެންމެ ކުރިން ޖެހޭނީ މާލެ އައިސް ކާޑު ހައްދައިގެން ކާޑު ނަގަންވެސް ޖެހޭނީ މާލެއިންނެވެ. ނަމަވެސް 2022 ވަނަ އަހަރު ތައާރަފްކުރި ޕޯޓަލް މެދުވެރިކޮށް އައިޑީކާޑު ހެދުމަށް އޮންލައިންކޮށް އެދުމުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ރަށުގައި ތިބެގެންވެސް ކާޑު އަތަށް ލިބެއެވެ. އެހެންނަމަވެސް އޭރުވެސް އައިޑީކާޑު ޕްރިންޓުކޮށް ޕޯސްޓު މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން އެރަށެއްގެ ކައުންސިލަށް ފޮނުވަން ޖެހެއެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މަރުކަޒު ކުރެވިފައިވާ މި ފަދަ ޙިދުމަތްތައް ކައުންސިލްތަކުން ހިންގޭނެ ނިޒާމެއް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި ކައުންސިލްތައް ބާރުވެރިކުރުމުގެ ހެއްކެއްކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހެއްދުމާއި ދޫކުރުމުގެ ޙިދުމަތް މި ދައުރުތެރޭގައި ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަތޮޅުތަކުން އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ހިދުމަތް ދިނުމަށް ރައީސް ވެވަޑައިގެން ވައުދު ފުއްދުމަށް ކައުންސިލްތަކުން ޝައުގުވެރިވާކަމަށެވެ. އަދި އެކަމަށް ގިނަ ކައުންސިލްތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިކަމުން ހާމަވަނީ ސަރުކާރާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރުން އުފައްދާފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަން ހާމަވެގެންދާކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މާލެ ފިޔަވައި އެހެން ރަށަކުން ޕްރިންޓު ކުރެވޭ ގޮތަށް ހެދިިއިރު، އެ ރަށަކީ ގއ. ވިލިނގިލިއެވެ.





