ޢަޒުމް ކަނޑައަޅަންވީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އިސްކުރުމަށް: ރައީސް
27 ޖުލައި 2025 - 03:54

ގައުމުގެ ތަރައްގީއަށް އެނެމެން ގުޅިގެން މަސައްކަތްކުރުމަށާއި ގައުމީ މަސްލަހަތު އިސްކޮށްގެން ކުރާ މަސައްކަތުން، ދާދި ފަސޭހަކަމާއެކު ވަށާޖެހޭ ތަރައްގީ ހާސިލުކުރެވޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުންނެވެ.
އައު ޓަރމިނަލް ހުޅުވުމާއި، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް އެކުގައި ފާހަގަކުރަމުންދާ މި ޚާއްޞަ ދަނޑިވަޅުގައި، ޤައުމު އިސްކުރުމުގެ ޢަޒުމު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. ދިވެހީންނަކީ، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް އުޅޭ، އެއް މާޒީއެއް ހިއްސާކުރާ، އެއް ބައެއްކަން ހަނދުމަފުޅުކޮށް ދެއްވަމުން، އަމިއްލަ މަސްލަޙަތާއި ޒާތީ ތަޢައްޞަބަށްވުރެ ޤައުމު އިސްކުރުމަކީ، އަންނާން އޮތް ޖީލުތަކަށް އުފާފާގަތިކަންމަތީ ޤައުމު ވާޞިލުކޮށް ދިނުމަށްޓަކައި، ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އައު ޓަރމިނަލަކީވެސް، ތަރައްޤީއަށް ވާޞިލުވުމަށްޓަކައި އެކުގައި ކުރާ މަސައްކަތްތަކުން ޙާޞިލުކުރެވޭ ކާމިޔާބީގެ ރަމްޒެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި އައު ޓަރމިނަލް މިނިވަން ދުވަހު ހުޅުވަން ނިންމެވުމުގެ ފަހަތުގައިވާ ހިކުމަތަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެ ގޮތުން، ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިޔާ، މި މަސައްކަތް ގުޅިގެން ދާނީ، ޚާއްޞަކޮށް ފަތުރުވެރިކަން، އަދި ޖުމުލަކޮށް މުޅި އިޤްތިޞާދީ ކުރިއެރުމާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އައު ޓަރމިނަލްގެ މަސައްކަތުގައި ދިހަވަރަކަށް އަހަރު ދުވަސް ހޭދަވެފައިވާކަން ފާހަގަކުރައްވަމުން، މަސައްކަތުގެ އެކި މަރުޙަލާތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ނަންފުޅު އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދިވެހިސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައިގެ އިތުރަށް މި މަސައްކަތަށް ބޭނުންވި ހުރިހާ އެހީތެރިކަމެއް ދެއްވި ހަތަރު ފަންޑު ކަމުގައިވާ، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި، އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓާއި، ކުވައިތު ފަންޑް ފޯ އަރަބް އިކޮނޯމިކް ޑިވެލޮޕްމަންޓާއި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް، އަދި އެ އިދާރާތައް ނިސްބަތްވާ ޤައުމުތަކަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، މަސައްކަތުގެ ދުވެލި ހަލުވިކޮށްދެއްވާ މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ޖުމުލަކޮށް ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތަކަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކާމިޔާބީ އަކީ، ގިނަ ބަޔަކު އެކުގައި ކުރާ ބުރަ މަސައްކަތުން ޙާޞިލުކުރެވޭ ކަމެއް ކަމަށާއި، މި ފާހަގަކުރަނީ އެ ފަދަ ތާރީޚީ ކާމިޔާބީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޚާއި ޘަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.
އައު ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކުރީގެ ޓަރމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.