ތަރައްޤީ ހާސިލުވާނީ އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން ނިންމައިގެން
27 ޖުލައި 2025 - 06:16

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އަމަލީ ގޮތުން މިހާރު ފެންނަމުން އެދަނީ، އަދި ފެންނަމުން ދާނީވެސް ތަރައްޤީގެ މަސައްކަތްތައް ކަމަށާ، ނަމަވެސް ތަރައްޤީ ހާސިލުވާން އޮތީ، އަމިއްލަ ނަފުސު އިސްލާހުކުރުމުގެ ވިސްނުމާއިގެން ކުރިއަށްދާން، ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު އޮތް، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އަމިއްލަ ނަފުސާއި ސިކުނޑި ތަރައްޤީކުރަން ނިންމައިގެން ނޫނީ ޙަޤީޤީ ތަރައްޤީ ހާސިލުވާން ނެތްކަން ހަނދާންކޮށްދެއްވައި، ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންނަކީ ކޮން ބައެއްކަމާއި، ދިވެހީންނަށް ވީތީ ފަޚުރުވެރިވެ، އަބުޠާލުންގެ ޖިހާދަށް ލޯމަރާލެވެން ނެތްކަން ޤަބޫލުކޮށް، ދިވެހިބަހާއި އިސްލާމް ދީނަށް، އަދި ޤައުމިއްޔަތަށް އިސްކަންދިނުމަށް ކޮންމެ ފަރުދަކުވެސް ނިންމުމުން ނޫނީ، ޤައުމަށް ތަރައްޤީ ގެނައުމުގެ އެއްވެސް މާނައެއްނެތްކަމަށެވެ.
މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚްލާސްތެރި، ބުރަ، ޤައުމީ މަސައްކަތުން އަދުގެ ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދެވިފައި އޮތް އެއްޗެއް ކަމަށާ، އަންނަން އޮތް ޖީލުތަކަށް މިކަން މިގޮތުގައި ފޯރުކޮށްދިނުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ޤައުމުގެ ތަރައްޤީ ކުރިއަށްގެންދިއުމުގައި ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމަށާ، އިހްލާސްތެރިކަމާއެކު ވަޢުދުފުޅުތައް ފުއްދެވުމުގައި ރެޔާއި ދުވާލު މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވަމުން ދިވެހި ރައްޔިތުންނަށް، ތަކުރާރުކޮށް، ދެއްވާފައެވެ.