ރައީސް މުއިއްޒުގެ މަރުހަބާ ލަންކާގެ އިންތިހާބީ ރައީސްއަށް!
22 ސެޕްޓެމްބަރު 2024 - 14:31
ސްރީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އަނޫރާ ކުމާރަ ޑިސެނަޔަކަ އަށް މަރުހަބާ ވިދާޅުވެ، ގުޅުން ބަދަހި ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރާއްޖޭގެ ރައީސް ޑރ. މުހައްްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ލަންކާގެ ރައީސް ކަަމަށް ޑިސްނަޔަކަ އިންތިހާބުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އިއުލާނު ކުރައްވާފައެވެ.
އޭނާ ވެގެން ދާނީ ލަންކާގެ ނުވަ ވަނަ ރައީސަށެވެ.
ރައީސް މުއިއްޒު ކުރެއްވި އެކްސްއެއްގައި ވަނީ، އޭނާ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ.
"ގާތް އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން، ތިޔަ ބޭފުޅާއެކު ރާއްޖެ އާއި ލަންކާ އާ ދެމެދު އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝައުގުވެރިވަން،". ރައީސްގެ އެކްސްގައި ވިދާޅުވެފައި ވެއެވެ.
އިއްޔެ އޮތް ލަންކާގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 38 ކެންޑިޑޭޓަކު ވާދަ ކުރެެއްވިއެވެ. އޭގެ ތެެރެއިން ބޮޑަށް ވާދަވެރިވާނެ ކަމަށް ބެލެވުނީވެސް ތިން ކެންޑިޑޭޓެކެވެ. އެއީ ޑިސެނަޔަކަގެ އިތުރުން އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އާއި މިހާރު ރައީސްކަމުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމްސިންހައެވެ.