ރައީސްގެ ދަތުރުފުޅުން މަސްވެރިކަމުގެ ސިނާޢަތަށް އުންމީދުތަކެއް ލިބިއްޖެ
25 ސެޕްޓެމްބަރު 2024 - 12:17
ރައީސުލްޖުމްހޫރިއްޔާ އދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގެތެރެއިން ބާއްވަވާ އެކި ބައްދަލުކުރެއްވުންތަކުގައި ރާއްޖޭގެ އިޤްތިޞާދާއި ދިވެހި މަސްވެރިކަމަށް ހުރި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ވަރަށް އިސްކަމެއްދެއްވާކަމަށާއި، އެ ދަތިތަކަށް ޙައްލުތަކެއް ލިބޭނެކަމުގެ އުންމީދު ބޮޑުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. އދގެ އާންމު މަޖިލީހުގައި ހަވާސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސަލާ ވޮންޑެލެޔެންއާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިލާތުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ނުވަތަ ފީ ބޮޑުވުމާއި ގުޅިގެން ރާއްޖެއަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށް ގެނެވޭނެ ޙައްލުތަކާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.މި ބައްދަލުވުމަށް އަލިއަޅުވާލައްވައި "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ބައްދަލުވުންތައް ތަރުތީބުކޮށްފައިވަނީ މިވަގުތު ރާއްޖޭގެ ހާލަތު ބަދަލުކުރުމަށް އަދި ގޮންޖެހުންތައް ހައްލުކުރުމަށް އިސްކަންދެއްވައިގެންކަމަށެވެ. އޭގެތެރެއިން އެއް ބައްދަލުވުމަކީ އީޔޫ ކައުންސިލްގެ ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.ޔޫރަޕްގެ އިއްތިހާދަށް ނުވަތަ ޔޫރަޕްގެ ޤައުމުތަކަށް ރާއްޖެއިން ބާނާ މަސް ބޭރުކުރާއިރު ވަރަށް ބޮޑު ޓެރިފެއް އޮތުމުގެ ސަބަބުން އެކަމުގެ ދަތިކަން އޮންނަތާ މިހާރު 12 އަހަރުވެފައިވަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނާއި ވާދަވެރި އެހެން ޤައުމުތަކާއި އެކީގައި އަޅުގަނޑުމެންނަށް ފައިތިލަ ސާބިތުކުރުމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް މި ދަންނަވާ ޓެރިފްއަކީ. މިހުރީ %22 އާއި %26 އާއި ދޭތެރޭގައި. މިއީ ހަޤީގަތުގައި ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތައް މިއަދު ދިމާވެފައި މިއޮތް އެންމެ ބޮޑު ގޮންޖެހުން. 12 އަހަރު ވީއިރު މިކަމަށް ހައްލެއް ނުލިބިއޮއްވާ، ރައީސުލްޖުމްހޫރިއްޔާގެ މިހާ ކުރީކޮޅު މިވަރުގެ ބޮޑު ޕްލެޓްފޯމްއަކުން ހަޤީގަތުގައި އީޔޫ ކައުންސިލްގެ ރައީސްއާ މި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުން ޚާއްސަކޮށް ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތައް މަސްވެރި ސިނާއަތުގައި ތިއްބެވި އާއިލާތަކަށް ހަޤީގަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެ ހިތްހަމަޖެހުމަކީ." ވަޒީރު ވިދާޅުވިއެވެ.