މުހިންމު 2 އެއްބަސްވުމެއްގައި ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކޮށްފި
28 ޖުލައި 2025 - 13:33

މުހިންމު 2 އެއްބަސްވުމެއްގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުަގއި ސޮއިކުރެއްވީ ސްރީލަންކާގެ ރައީސް، އަނޫރަ ކުމާރަ ޑިސަނަޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށްފަހުއެވެ.
އެގޮތުން ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާގުޅޭ މުއާހަދާއެއްގައި މިއަދު ވަނީ ސޮއިކުރެވިގެން ގޮސްފައެވެ.
މި މުއާހަދާއިގައި ދިވެހި ސަރުކާރުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރެވެ.
މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުމެވެ.
އަދި އެ އެއްބަސްވުމުގެ ދަށުން، އެ ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި އެ ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެ ކަމަށް ބަޔާންކުރެވިފައިވެއެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ 2011 ވަނަ އަހަރުއެވެ.
މީގެ އިތުރުން ދެން ލަންކާ ސަރުކާރާއެކު ސޮއިކުރެވިގެން ދިޔައީ ހާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާ ގުޅޭ އެމްއޯޔޫއެއްގައެވެ.
މި އެމްއޯޔޫ އެކުލަވާލާފައިވަނީ ރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްއާއި ސްރީލަންކާގެ ބަންޑާރަނަޔަކެ އިންޓަރނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓް އާ ދެމެދުގައެވެ. މި އެމްއޯޔޫގައިވެސް ރާއްޖެއިން ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލްއެވެ. ސްރީލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރެވެ.
ޚާރިޖީ ވުޒާރާއިން ބުނީ ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ހުނަރުތަކެއް ލިބިފައިވާ ރަނގަޅު ޑިޕްލޮމެޓުންނަށް ވާންޖެހޭކަމަށާއި ވުމާއެކު ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް މެދުވެރިކޮށް މި ތަޖުރިބާއާއި ހުނަރު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.