އައު ޓާމިނަލުން ފަސްވަގުތު ބަންގީގެ އަޑު: އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއް

29 ޖުލައި 2025 - 08:23

ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށްދިނުމަށް ވަރަށް މުހިންމު ފިޔަވަޅެއް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ އަޅުއްވާފައެވެ.
މި ޓާމިނަލް ރަސްމީކޮށް ހުޅުވާފައިވަނީ 26 ޖުލައިގެ ރޭގަނޑުއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ފަސް ވަގުތު ނަމާދުގެ ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް ޢިއުލާން ކުރެއްވީ ޖެހިގެން އައި 27 ޖުލައިގައެވެ. އެވަގުތުން ފެށިގެން އައު ޓާމިނަލުން ބަންގީގެ މޫރިތި އަޑު ފަސްވަގުތު ދަނީ އިވެމުންނެވެ.
މިއީ ދުނިޔޭގެ ޤައުމެއްގައި މިގޮތަށް ބަންގީގެ އަޑު ފަސް ވަގުތު އިވޭގޮތަށް ހެދި ފުރަތަމަ ފަހަރެވެ.
ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އިސްލާމީ ޝިޢާރަކީ މިދީބުގެ އެންމެ މަތިވެރި ޝިއާރެވެ. ލާމެހިފައިވާ ދުނިޔެއެއްގައި އިސްލާމުންނަށް ގިނަގުނަ ގޮންޖެހުންތައް ވަނީ ކުރިމަތި ކުރުވާފައެވެ. އެގޮންޖެހުންތަކުގެ ތެރެއިން ވެސް ރާއްޖޭގެ ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ ހިތްވަރު ގަދަ ނިންމެވުމެކެވެ. އިސްލާމީ ލީޑަރުންނަށާއި ޤައުމުތަކަށް ނަމޫނާ، މިސާލީ ނިންމެވުމެކެވެ.
ރައީސްގެ މި ނިންމެވުމާއި ގުޅިގެން އެތައް ދިވެހީންނެއް އުފާފާޅުކޮށްފައި ވެއެވެ. އެ ނިންމެވުމަށް ތަޢުރީފްކޮށްފައި ވެއެވެ. އެއިން އެއް ރައްޔިތަކީ އައްސައިޚް އަހްމަދު ސަމީރެވެ. މިކަމާ ގުޅޭގޮތުން ޝައިޚް ސަމީރު ވަނީ މިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޝައިޚް ސަމީރު ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސުލް ޖުމުހޫރިއްޔާ ޑރ. މުޢިއްޒު ހަމަޖެއްސެވުމަކީ މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެއްކެވެ.
މި ނިންމެވުމަށް ޝުރުއަދާކުރަށްވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެފައި ވަނީ ބަންގި އަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮށްދޭ ވަރަށް މަތިވެރި ޝިޢާރެއް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ނުވަތަ މިހާރު ރަސްމީކޮށް ބޭނުންކުރާ ޓަރމިނަލް 1 އަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ހުޅުވާފައިވާ ޓަރމިނަލެކެވެ. އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ މި ޓަރމިނަލުގައި ފުރާ މީހުންނާއި، އަންނަ މީހުންނަށް ޚާއްސަކޮށް ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމްކުރެވިފައެވެ. މިގޮތުން، ފަސޭހަކަމާއެކު ދަތުރުކުރުމަށް ބޭނުންވާ އެކި ވަސީލަތްތައް މި ޓާމިނަލުގައި ހިމެނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލުން ފަސްވަގުތު ބަންގީގެ އަޑު އިވޭނެގޮތަށް ހަމަޖެއްސެވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ ޤައުމުގެ މައިދޮރޯށިން ފެށިގެން، ރާއްޖެއަށް އަންނަ ފަރާތްތަކަށް އިސްލާމީ އަގުތައް ހާމަކޮށްދޭނެ ކަމެކެވެ.